އިސްދޫ ސްކޫލް ތިޖޫރިން 80،000 ރުފިޔާ މަދުވި މައްސަލައެއް ޕީޖީ އަށް ފޮނުވައިފި

ލ. އިސްދޫ ސްކޫލްގެ ތިޖޫރިން 80،000 އަށް ވުރެ ގިނަ ރުފިޔާ ވީނުވީއެއް ނޭނގި ގެއްލިފައި ވާތީ، އެ ފައިސާ ގެއްލުނު އިރު ތިޖޫރިއާ ހަވާލުވެހުންނެވި އެ ސްކޫލްގެ ޓީޗަރެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ އިސްދޫ ސްކޫލްގެ ޓީޗަރު އެ ރަށު ގްލޯރީގޭ އަހްމަދު ރަޝީދު އަބްދުއްރައްޒާގުގެ މައްޗަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްދޫ ސްކޫލްގެ ފައިސާގެ ހިސާބުތައް ބެލެހެއްޓުމަށް އެ ރަށު އޮފީހުން ސްކޫލާ 2005 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ހަވާލުކުރި އިރު އިސްދޫ އޮފީހުގެ ތިޖޫރީގައި ރައްކާކޮށްފައިވާ 3،341.91ރ. އިސްދޫ ސްކޫލާ ހަވާލުކޮށްފައިވާކަން ތަހުގީގުން އެނގެން އޮންނަ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ 2005 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2008 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހާ ހަމައަށް އިސްދޫ ސްކޫލްގެ ތިޖޫރިއާ ހަވާލުވީ އަހްމަދު ރަޝީދު ކަމަށް އޭނާގެ ބަހުންނާއި ސްކޫލްގެ ފައިސާއާ ބެހޭ ބައިގައި މަސައްކަތް ކުރި ފަރާތްތަކުގެ ބަހުން އެނގޭ ކަމަށެވެ.

ތިޖޫރީގެ ތަޅުދަނޑި އޮންނަނީ އަހްމަދު ރަޝީދުގެ އަތުގައިކަން ތަހުގީގުން އެނގެން އޮންނައިރު 2008 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ސްކޫލްގެ އެހެން މުވައްޒަފަކާ ތިޖޫރި ހަވާލު ކުރި އިރު ތިޖޫރީގައި ހުރީ 59،065ރ. ކަމަށް ވިޔަސް އޭރު ތިޖޫރީގައި ޖުމްލަ 141،578.51ރ. ހުންނަންޖެހޭ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު އަހްމަދު ރަޝީދު ބޭންކުން ނެގި 20،000ރ. ތިޖޫރީ ބާކީ ފޮތަށް އަރާފައިވީ ނަމަވެސް ތިޖޫރީ ބާކީގެ ޖުމްލައިގައި އެ ފައިސާ ހިމަނާފައިނުވާ ކަމަށެވެ. އަދި 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އިސްދޫ ސްކޫލްގެ އެކައުންޓުން އަހްމަދު ރަޝީދާއި އެހެން މީހަކު ސޮއިކޮށްގެން ސްކޫލްގެ އެކައުންޓުން ނެގި 15،000ރ. ވެސް އެއްވެސް ފޮތަކަށް އަރުވާފައިނުވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"...ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ލ. އިސްދޫ ގްލޯރީގޭ އަހްމަދު ރަޝީދު އަބްދުއްރައްޒާގުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ ކުރުމަށާއި އިސްދޫ ސްކޫލްގެ ތިޖޫރިން މަދުވާ 82،513.51ރ. އަހްމަދު ރަޝީދު އަބްދުއްރައްޒާގުގެ އަތުން ދައުލަތަށް ހޯދުމުގެ ދައުވާ ޝަރީއަތަށް ހުށަހެޅުމަށް ޓަކައި މި މައްސަލަ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިފަ އެވެ،" އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު