ޝައްފާޒުގެ ދެލަނޑާއެކު އޭވައިއެލް ބަލިކޮށް ބީޖީ ފައިނަލާ ގާތަށް

މުޙައްމަދު ޝައްފާޒު ޖަހައިދިން ދެ ލަނޑާ އެކު ޕްރެޒިޑެންޓް ކަޕްގެ ދެވަނަ ސެމީ ފައިނަލްގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) 3-2 އިން ބަލިކޮށް ބީޖީ ސްޕޯޓްސް މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައިވާ ތިންވަނަ ސެމީ ފައިނަލްގައި ބީޖީ ވާދަކުރަން ޖެހޭނީ ފުރަތަމަ ސެމީ ފައިނަލްގައި ނިއު ރޭޑިއަންޓް ސްޕޯޓްސްއަތުން ބަލިވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ އެވެ. އެމެޗުން މޮޅުވާ ޓީމަކަށް މި މަހުގެ 23 ގައި ކުޅެން ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލްގައި ނިއުއާ ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދީ އޭވައިއެލް އެވެ. އެޓީމަށް ބީޖީގެ ގޯލް ހުޅުވާލަ ދިނީ މެޗުގެ ފުރަތަމަ މިނިޓުގައި އަޙްމަދު އަޖުވަދު އެވެ. އަޖުވަދު ލަނޑު ކާމިޔާބުކުރީ ބީޖީގެ ޕެނަލްޓީ އޭރިޔާތެރިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 25 ވަނަ މިނިޓުގައި ބީޖީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު ޝައްފާޒު އެވެ. އަދި މެޗުގެ 57 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ބީޖީއަށް މެޗުގެ ކުރި ހޯދައިދިނީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އިބްރާހީމް ފަޒީލު (އޮއްޕޮ) އެވެ. އެހެން ނަމަވެސް އޭގެ 10 މިނިޓުފަހުން އޭވައިއެލްގެ އަބްދުﷲ މުއާޒު ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އޭވައިއެލްއަށް ހަމަހަމަކޮށްދީފަ އެވެ. ބީޖީގެ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި މުއާޒުއަށް އަބޫ ޑެސްމޮންޑް މަންސާރޭ ޖައްސާލިބޯޅަ އޭނާ ގޯލްގެ ތެރެއަށް ފޮނުވާލީ ބީޖީގެ ކީޕަރު ކައިރިންވެސް ނައްޓާލާފަ އެވެ.

ބީޖީ މެޗުން މޮޅުވި ލަނޑު ޝައްފާޒު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 72 ވަނަ މިނިޓުގައި އޭވައިއެލްގެ ޕެނަލްޓީ އޭރިޔާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު