ފަހަތުން އަރައި އޭވައިއެލް ބަލިކޮށް އީގަލްސް ތިންވަނަ ހޯދައިފި

މިހާރު ކުރިއަށްދާ ބީ52 އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި 2-1 އިން އެޓީމު ބަލިކޮށް ކްލަބް އީގަލްސް މުބާރާތުގެ ތިންވަނަ ހޯދައިފި އެވެ.

މުބާރާތުގެ ސެމީ ފައިނަލުން ބަލިވި ދެޓީމުގެ މެދުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަސް ވަނަ މިނިޓުގައި ކާމިޔާބުކޮށް އޭވައިއެލްއަށް ކުރި ހޯދައިދިނީ އެޓީމުގެ ހަސަން ސޮލާހު އެވެ.

އީގަލްސްއިން މެޗުގައި ކާމިޔާބުކުރި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މުހައްމަދު މުސްލިހު އެވެ. 61 ވަނަ މިނިޓުގައި އަބްދުﷲ ސަމީހު މޫސާގެ ބަދަލުގައި ކުޅެން ނުކުތް މުސްލިހު އީގަލްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 63 ވަނަ މިނިޓުގަ އެވެ. އަދި އީގަލް އެ މެޗުން މޮޅުވި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 86 ވަނަ މިނިޓުގަ އެވެ.

ރޭގެ މެޗުން މޮޅުވެ މުބާރާތުގެ ތިންވަނަ ހޯދުމުން އީގަލްސްއަށް ވަނީ، 10،000ރ ގެ ފައިސާގެ އިނާމް ލިބިފަ އެވެ. މެޗަށް ފަހު އީގަލްސްއަށް ލޯމެޑެލް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ކުރީގެ ޗެއާމަން ކާމިނީ އަބްދުއްޝުކޫރު އެވެ.

އެފްއޭ ކަޕްގެ ފައިނަލްގައި މިރޭ ވާދަކުރާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު