ތަފާތު ބޮޑުކޮށް އޭވައިއެލް ބަލިކޮށް މާޒިޔާ ފައިނަލަށް

ބީ52 އެފްއޭ ކަޕް ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ރޭ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) 6-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ޔާވޯ ބޮރިސޯފް އެވެ.

ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފްގެ 24 ވަނަ މިނިޓުގައި އޭވައިއެލް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ހަސަން ސޮލާހު އެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރެއް ނުވެ 50 ވަނަ މިނިޓުގައި މާޒިޔާގެ އަހްމަދު މުހައްމަދު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ދެވަނަ ފަހަރަށް ކުރި ހޯދައި ދިނެވެ. އަދި އޭގެ ފަހުން ފެނިގެން ދިޔައީ އޭވައިއެލް އަށް މެޗުގެ ކޮންޓްރޯލް އެއްކޮށްހެން ގެއްލުނު ތަނެވެ. ނަތީޖާއެއްގެ ގޮތުން 69 ވަނަ މިނިޓުގައި މުހައްމަދު ރަޝީދު ނަގައިދިން ރީތި ހުރަހެއް އޭވައިއެލްގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މާޒިޔާގެ ތިން ވަނަ ލަނޑު އަޙްމަދު ނާޝިދު (ނާއްޓޭ) ކާމިޔާބު ކުރިއެވެ. އަދި އޭގެ މިނިޓެއް ފަހުން މާޒިޔާގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު ޝާފީ އެވެ.

އޭވައިއެލްއަށް ޓީމު ހަމައަކަށް އަޅުވާ ނުލެވިގެން އުޅެނިކޮށް 73 ވަނަ މިނިޓުގައި އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނާއްޓޭ ނަގައިދިން ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން މާޒިޔާގެ ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ. އަދި މެޗު ނިމެނިކޮށް އަސަދުﷲ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ސްކޯ 6-1 އަށް ބަދަލުކޮށްފަ އެވެ.

ރޭގެ މެޗުގެ ފަހު ހާފުގައި އޭވައިއެލްގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަށް ވަރަށް ބޮޑަށް ފެނުނު އިރު މެޗަށް ފަހު އެ ޓީމުގެ ކޯޗު އަހްމަދު ނާޝިދު (ނާދު) ބުނީ، ގިނަ ދުވަސް ތަކަކަށް ސީޒަން މެދު ކަނޑާލުމުގެ ސަބަބުން ޓީމަށް ރަނގަޅަށް ތައްޔާރު ވެވިފައި ނުވާއިރު ރޭގެ ނަތީޖާ ތަފާތު ބޮޑު ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ޓީމު ކުރި ޕްރެކްޓިސް ތަކާ ބަލާފައި ދެންނެވޭނީ ޓީމު އެ ދެއްކި ކުޅުމާ ދޭތެރޭގައި ވަރަށް ހިތްހަމަ ޖެހެޔޭ. ފުރަތަމަ އެ ހާފުގައި އެ ހިފެހެއްޓުނީ ދެން ގައިގަ ހުރި އެއްޗެއް ނެރެގެން.،" ނާދު ބުންޏެވެ. "މާޒިޔާގައި ގައުމީ ޓީމުގެ ކުޅުންތެރިން ތަކެއްވެސް ތިބުމާ އެކު އެޓީމު އެ ގެންދިޔައީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން. ދެން އަޅުގަނޑުމެންގެ ޓީމުގައި ތިބި ކުޅުންތެރިން އެހާ ފިޓެއް ނޫނޭ ދެންނެވޭނީ."

ރާއްޖޭގެ ގިނަ ޓީމުތަކަށް މުސާރައިގެ މައްސަލަ ކުރިމަތި ވެފައިވާ އިރު ނާދު ބުނީ ރޭގެ މެޗުން ބަލިވުމުގައި އެޓީމުގެ އެއްވެސް ކުޅުންތެރިއަކަށް މުސާރައިގެ ސަބަބުން އަސަރު ކޮށްފާނޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މެޗާ ބެހޭ ގޮތުން މާޒިޔާގެ ކޯޗު އިންމަ ބުނީ ޓީމުގެ ކުޅުމާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި ރޭގެ މެޗަށް އެޓީމުން ތައްޔާރު ވެގެން އައީ ނޮކްއައުޓް މެޗެއްކަން އެނގި ތިބެ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށެވެ.

"އަޅުގަނޑުމެން މި މެޗަށް ނުކުތީ މޮޅުވެގެން ފައިބަން، ހަމަ ނޮކްއައުޓް މެޗެއްކަން އެނގޭތީ. ކޮންމެ ގޮތެއްގައި ނަމަވެސް އަޅުގަނޑުމެން މިވަނީ 6-1ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައި،" އިންމަ ބުންޏެވެ.

މާޒިޔާއަށް މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރު ވެފައިވާއިރު މިރޭ ކުޅޭ ދެވަނަ ސެމީގައި ކްލަބް އީގަލްސް އަތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މޮޅުވެއްޖެ ނަމަ މާޒިޔާ އަށް ކުރިއަށް އޮތް އޭއެފްސީ ކަޕްގެ ޖާގައެއްވެސް ކަށަވަރު ވާނެ އެވެ.

ފައިނަލްގައި މާޒިޔާ ވާދަކުރަން ޖެހޭނީ މިރޭ ނިއުއާއި އީގަލްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިރޭ 9:00ގައި ގަލޮޅު ދަނޑުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު