ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރާނަން: ގާސިމް

ޖުމްހޫރީ ޕާޓީއާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އަދި އެ ޕާޓީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ހާޒިރުކުރި ނަވެސް މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ވަކިކޮޅެއްގައި ޖެހެންދެން ކުރަމުންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގައުމުގެ މަސްލަހަތު ނަގާލަން އެ ޕާޓީން މަސައްކަތް ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ އިރު މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި އިރު އެއީ އެ ކޮމިޝަނަށް މައްސަލައަކަށް ނުވި ކަމަށެވެ.

ޖުމްހޫރީ ޕާޓީން ގައުމީ މަސްލަހަތު ނަގާލަން އެއްވެސް މަސައްލަތެއް ނުކުރާ ކަމަށާއި އެ ޕާޓީން މިހާރު ހަރަކާތްތައް ހިންގަނީ ގާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމީ މަސްލަހަތު ގެއްލެނީ މަކަރާއި ހީލަތްހަދައި އޮޅުވާލުމުން ކަމަށެވެ.

"ކޮބައިތޯ ގައުމީ މަސްލަހަތު ނަގާލަން އަޅުގަނޑުމެން ކުރާ ކަމަކީ. އަޅުގަނޑުމެން ކުރާ އެއްވެސް މަސައްކަތެއް ނެތް ގައުމީ މަސްލަހަތު ނަގާލަން. އަޅުގަނޑުމެން މި ކުރާ ކަމަކީ ގާނޫނު އަސާސީގެ ދަށުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނުވަތަ ހަގީގަތް ހާމަކޮށްދިނުމުގެ މިނިވަންކަން ލިބިފައިވާތީ އެކަން އަޅުގަނޑުމެން މި ކުރަނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ވޯޓު އޮޅުވާލި ކަމަށް ޖުމްހޫރީ ޕާޓީން ދައްކާފައިވާ ވާހަކަތަކަށް ޕީޕީއެމުން ވެސް ތާއީދު ކޮށްފައިވާ ކަމަށާއި ވޯޓުލުމުގައި ހިންގާފައިވާ އޮޅުވާލުންތައް ޝަރީއަތަށް ހުށަހަޅައި އެކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ގާސިމް ވަނީ އެމްޑީޕީ އާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވެ ވިދާޅުވެ ވާހަކަފުޅުދައްކަވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެންބަރުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހާޒިރު ކުރަނީ އެމްޑީޕީ އަށް އެ ކޮމެޓީގެ މެޖޯރިޓީ އޮތުމުން ކަމަށެވެ. އަދި އެކަމަކީ ޑީއާރްޕީއާއި އެމްޑީޕީ ގުޅިގެން ކުރާ ކަމެއް ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ގައުމުގެ އާންމު މަސްލަހަތަށްބުރޫ އަރަނީ ޖުމްހޫރީ ޕާޓީން ކުރަމުންގެންދާ މަސައްކަތުން ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމާތާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާފަ އޮންނަ މައްސަލައެއް މި ބަލަނީ. ވެގެން މިއުޅޭގޮތަކީ މިދެންނެވި ގައުމީ ސަލާމަތު ކޮމެޓީގެ ފުލް މެޖޯރިޓީ މިއަދު ވަނީ އެމްޑީޕީ އަށް ލިބިފައި،" ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން އުސްފަސްގަނޑުގައި މީހުންނާ ދިމާލަށް ބާޣީންނޭ ގޮވައި، ސިފައިންނާއި ފުލުހުންގެ އަގުވައްޓާލައި ފަނޑިޔާރުންގެ ގަދަރާއި އިއްޒަތް ނަގާލާފައިވާ ކަމަށާއި ނަމަވެސް އެއީ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުފެނުނު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު