ލަންކާގެ ދަތުރުތަކަށް ފިނި ތަރުހީބެއް!

ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާ އަށް ކުރާ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބިމުންދާ އިރު ލަންކާ އަށް ކުރަމުންދާ ދަތުރުތަކަށް މާބޮޑު ތަރުހީބެއް އަދި ލިބެމުން ނުދާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ ޗައިނާ އަށް ކުރާ ދަތުރުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެގޮތުން ގިނަ ފަހަރަށް ފުލައިޓްތައް ދަތުރުކުރަނީ ފުލްކޮށް ކަމަށެވެ. އަދި ޗައިނާ އަށް ދަތުރުކުރަނީ މުޅިން ވެސް ޓޫރިސްޓުން ކަމަށް ނަޝާތު ވިދާޅުވި އެވެ.

"ޗައިނާ އަށް ވަރަށް ތަރުހީބް ރަނގަޅު، ވަރަށް ފުލްކޮށް ހަމައަންނަނީ، ދެން ފުލް ނުވާ ފަހަރަކު ވެސް އެއް ސީޓް ދެ ސީޓް ފުލް ނުވެ އިންނަނީ،" ނަޝާތު ވިދާޅުވި އެވެ.

ޗައިނާގެ ހަތަރު ވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީ، ޗިންޗޮން އަށް މޯލްޑިވިއަންގެ ދަތުރުތައް ކުރަނީ ކޮންމެ ފަސް ދުވަހަކު އެއް ދަތުރެކެވެ. އަދި ޗައިނާ އަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ވިސްނަމުންދާ ކަމަށް ނަޝާތު ވިދާޅުވި އެވެ.

މާލެއާއި ސ. ގަން އެއާޕޯޓް އިން ލަންކާގެ ވެރިރަށް، ކޮލޮމްބޯ އަށް މޯލްޑިވިއަންގެ ދަތުރުތައް މިހާރު ފަށާފައިވާ އިރު އެ ދަތުރުތަކަށް ލިބޭ ތަރުހީބް އެހާ ރަނގަޅު ނޫން ކަމަށް ނަޝާތު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ދަތުރުތަކަށް ތަރުހީބް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ގަމުން ކޮލޮމްބޯ އަށް އެއްކޮޅު ޓިކެޓް 149 ޑޮލަރަށް (2297.58ރ.) ވިއްކާ އިރު ދެކޮލު ޓިކެޓް ވިއްކަނީ 269 ޑޮލަރަށް (4147.98ރ.) އަށެވެ. އަދި މާލެއިން ގަމަށް އެއްކޮޅު ޓިކެޓް 99 ޑޯލަރަށް(1526ރ.) ވިއްކާއިރު ދެކޮޅު ޓިކެޓް ވިއްކަނީ 169 ޑޮލަރަށް(2605ރ.) އަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު