އައިޑީބީން ހޮރައިޒަން އަށް ދޭ 20 މިލިއަން ޑޮލަރަށް ސަރުކާރުން ހުރަސް އަޅާތީ ގާސިމް ކޯޓަށް ހުށަހެޅި މައްސަލަ އަވަސް ނިޔާ ހުކުމާ ހަމައަށް

ހޮރައިޒަން ފިޝަރީޒަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ދޭން ނިންމާފައިވާ 20 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ހުރަސް އަޅައި "ނޯ އޮބްޖެކްޝަން ލެޓާ" ދީފައި ނުވާތީ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި މަދަނީ ކޯޓަށް ހުށަހެޅުމުން މިހާރު  މައްސަލައިގެ ހުކުމާ ހަމައަށް ގޮސްފައިވާ ކަމަށް ހޮރައިޒަންގެ ބޮޑު ހިއްސާ އޮންނަ ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.


ސަން އޮންލައިނަށް އިންޓަވިއު ދެއްވަމުން ގާސިމް ވިދާޅުވީ ލ. މާންދޫގައި ހުންނަ އޭނާގެ ކާރުހާނާ، ހޮރައިޒަން ފިޝަރީޒަށް އައިޑީބީން 20 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމި ނިންމުމަށް ސަރުކާރުން ދަތިކޮށް ހުރަސް އަޅައި "ނޯ އޮބްޖެކްޝަން ލެޓާ" ނުދިނުމުން އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި މަދަނީ ކޯޓަށް ވެއްދުމުން މިހާރު އަޑު އެހުން ނިންމާފައިވާ ކަމަށެވެ.


"އަޑު އެހުން ނިމިއްޖެ މައްސަލައިގެ. ދެން އޮތީ ހުކުމް އިއްވުން،" ގާސިމް ވިދާޅުވި އެވެ.


ގާސިމް ވިދާޅުވީ އައިޑީބީގެ ލޯން ޕްރޮސެސްގެ ހުރިހާ ކަމެއް ނިމި ސަރުކާރުގެ ސިޓީ ނުލިބިގެން ލޯނު ހަމަނުޖެހި އޮންނަތާ މިހާރު 10 މަސް ވެއްޖެ ކަމަށެވެ.


ގާސިމް ވިދާޅުވީ ސަރުކާރުން އޭނާ އަށް ޖެއްސުންކޮށް ލޯނު ލިބުމަށް ހުރަސް އަޅަނީ ޖެއްސުން ކުރުމުގެ ގޮތުން ނަމަވެސް  ލޯނުގެ މައްސަލައިގައި ޖެއްސުން އެކުރެވެނީ ކުންފުނީގެ އެތަކެއް ވަޒީފާއާ ގުޅިފައިވާ އެތައް ސަތޭކަ އާއިލާއަށް ކަމަށެވެ. ކޯޓަށް ދާންޖެހުނީ އެ ހައްގުތައް އެ އާއިލާތަކަށް ހޯދައިދޭން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ކަމަށެވެ.


"އެއީ ސަރުކާރުން ދޭން ޖެހޭ 'ނޯ އޮބްޖެކްޝަން ލެޓާ' އެއް. އެއްގޮތަކަށް ވެސް އެއީ ސަރުކާރުން ދޭން ޖެހޭ ގެރެންޓީއެއް ނޫން. ސަރުކާރު ޒިންމާވާން ޖެހޭ ލޯނެއް ނޫން، އެ ސިޓީގައި ހަމައެކަނި ބުނެލަން ޖެހެނީ ލޯނު ނެގުމަށްޓަކައި މޯގޭޖް ކުރިޔަސް އެންމެ ރަނގަޅޭ. އެކަމަކު އެގްރީމަންޓުގެ ޖުމްލަ މުއްދަތު ހަމަވުމުގެ ދެ އަހަރު ކުރިން އެ ތަނެއްގެ މޯގޯޖް ފްރީ ވާންވާނެއޭ. އެވަރު ހަމައެކަނި ބުނެލަން ޖެހެނީ،" ގާސިމް ވިދާޅުވި އެވެ.


ގާސިމް ވިދާޅުވި ގޮތުގައި އައިޑީބީގެ ލޯނުގެ ތެރެއިން ފަސް މިލިއަން ޑޮލަރު ބޭނުންކުރަން ނިންމާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިން ނަންގަވާފައިވާ ލޯނެއް ރިއެމްބާސްކޮށް ބާކީ 15 މިލިއަން ޑޮލަރުގެ ތެރެއިން ފަސް މިލިއަން ޑޮލަރު ވެސް ބައެއް ލޯންތައް އެޖެސްޓް ކުރަން ކަމަށެވެ. އެހެންކަމުން އެ ލޯނުގެ ތެރެއިން ހޮރައިޒަން އަށް ލިބެނީ 10 ވަރަކަށް މިލިއަން ޑޮލަރު ކަމަށެވެ.


ގާސިމް ވިދާޅުވީ ސަރުކާރުން ކަން ކުރަމުންދަނީ 1932 ގައި ގާނޫނު އަސާސީއެއް ނެތް އިރު ކަންކުރި  ގޮތަށް ކަމަށާއި ރީނދޫ ކުލަ ނުޖެހޭ ނަމަ ސަރުކާރުގެ ޖެއްސުންކުރުން އަމާޒުވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު