ހުޅުޅުދެލިން ކަރަންޓު ކެނޑިއްޖެ

ދ. ހުޅުޅުދެލިން ކަރަންޓު ކެނޑިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހުޅުދެލީ ކައުންސިލްގެ ރައީސް އާދަމް ޒާހިރު ވިދާޅުވީ މިއަދު ހެނދުނު 8:45 އެހައިކަންހާއިރު މުޅި ރަށުން ކަރަންޓް ކެނޑިފައި ވަނީ ޖަނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އިތުރު ޖަނެރޭޓަރެއް ލިބިގެން ނޫނީ ކަރަންޓް ދެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެކިފަހަރު މަތިން މުޅި ރަށުން ކަރަންޓް ކެނޑެމުން އަންނަތާ ގާތްގަނޑަކަށް ދެ އަހަރު ވެފައިވާ ކަމަށާއި އެކަން ހައްލު ކުރެވޭނީ އާ ޖަނެރޭޓަރެއް އެރަށަށް ގެންގޮސްގެން ކަމަށެވެ.

އާ ޖަނެރޭޓަރެއް އެރަށަށް ގެންގޮސްދޭނެ ކަމަށް ކަމާބެހޭ ފަރާތުން ބުނާތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް އެކަން ކުރަން އުޅޭތަނެއް ފެނިގެން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކިފަހަރު މަތިން ކަރަންޓް ކެނޑުމުގެ ސަބަބުން އެކި ގެތަކުގައި ބޭނުންކުރަމުންދާ އަގުބޯޑު އިލެކްޓޯނިކް ސާމާނު ހަލާކުވެގެން އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކިފަހަރުމަތިން ބައްދަލުކޮށް ޝަކުވާ ހުށަހެޅިނަމަވެސް އެކަން ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށެވެ.

މިކަމާ ބެހޭ ގޮތުން ހުޅުދެލީ އިންޖީނުގޭގެ އިސްވެރިޔާ ވިދާޅުވީ މީޑިއާ އަށް މައުލޫމާތު ނުދިނުމަށް ފެނަކަ ކޯޕަރޭޝަނުން އޭނާ އަށް އަންގާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު