ކްލަބް އީގަލްސް އަތުން 2-0 ން މޮޅުވެ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ދިވެހި ލީގުގެ ގަދަ ހަތަރަކުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.
ދިރާގު ދިވެހި ލީގުގެ އޭވައިއެލްއާއި އީގަލްސް ކުޅެންޖެހޭ ފަހުމެޗުން އޭވައިއެލް މޮޅުވުމުން އެޓީމަށް ވަނީ 24 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ ލިބިފަ އެވެ. 54 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޗެމްޕިއަން ނިއުރޭޑިއަންޓް އޮތް އިރު 34 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ މާޒިޔާ އެވެ. ގަދަ ހަތަރެއްގެ ފަހު ޖާގަ ކަށަވަރުވާނީ ހޮނިހިރު ދުވަހުގެ ރޭ ކްލަބް ވެލެންސިޔާއާއި ބީޖީ ސްޕޯޓްސް ވާދަކޮށް މޮޅުވާ ޓީމަކަށެވެ. މިވަގުތު 23 ޕޮއިންޓާއެކު ބީޖީ ހަތަރު ވަނައިގައި އޮތް އިރު ވެލެންސިޔާ އޮތީ 21 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.
ދިވެހި ލީގުގެ ގަދަ ހަތަރެއްގައި ހިމެނި ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޕްރެޒިޑެންޓް ކަޕުން ޖާގަ ލިބިފައިވާ އޭވައިއެލް މި ފަހަރު ލީގުގައި އެ ޓީމު ކުޅުނު 19 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެ، ތިންމެޗު އެއްވަރުވެ ހަތްމެޗުން މޮޅުވެފައިވާ އިރު، އޭވައިއެލްގެ ގޯލަށް 34 ލަނޑު ވަދެފައިވެ އެވެ. އަދި އެ ޓީމަށް ކާމިޔާބު ކުރެވިފައިވަނީ، 15 ލަނޑެވެ.
ރޭގެ މެޗުގައި އީގަލްކޮޅަށް އޭވައިއެލްއިން ޖެހި ފުރަތަމަ ލަނޑު، މެޗުގެ 22 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ، އަހްމަދު ޒުބައިރު އެވެ. އަދި ދެވަނަ ލަނޑު މެޗުގެ 29 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ބަހާޖަތު އަބްދުލް އަޒީޒު އެވެ.
ލީގުގައި ބާކީ ދެމެޗު އޮތްއިރު، ހޮނިހިރު ދުވަހުގެ ރޭ ގަދަ ހަތަރެއްގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ވެލެންސިޔާއާއި ބީޖީ ނުކުންނައިރު އާދީއްތަ ދުވަހުގެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްނުކުންނާނީ، އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލުމަށެވެ.