އަބްދުﷲ ދީދީ އާއި ލަތީފާގެ އިސްތިއުފާ ޖޭއެސްސީން ގަބޫލެއް ނުކުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިލޭ އަންހެނަކާ އެކު "ބަދުއަޚުލާގީ އަމަލު" ހިންގި މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމެޓީގެ ދެ މެމްބަރުން އިސްތިއުފާ ހުށަހެޅުއްވި ނަމަވެސް އެކަން ގަބޫލު ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އަލީ ހަމީދުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމެޓީން އިސްތިއުފާ ހުށަހެޅުއްވީ ޖޭއެސްސީގެ ނާއިބް ރައީސް އަބްދުﷲ ދީދީ އާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ލަތީފާ ގާސިމް އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ދެ ބޭފުޅުންގެ އިސްތިއުފާ ގަބޫލު ނުކުރުމަށް ނިންމާފައި ވަނީ މިއަދު ބޭއްވި ޖޭއެސްސީގެ 69 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

ކޮމިޝަނުން އެގޮތަށް ނިންމުމާ ގުޅިގެން ކުރިންވެސް ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްގެންދިޔަ އުސޫލުން ކުރިޔަށްދާނެ ކަމަށް ވެސް ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އަލީ ހަމީދު ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ބަލާ ކޮމެޓީގައި ކޮމިޝަންގެ ނާއިބު ރައީސް އަބްދުﷲ ދީދީއާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ލަތީފާ ގާސިމްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ މެމްބަރު އަހްމަދު ރަޝީދު އާއި ކޮމިޝަނުން ބޭރު ދެ ބޭފުޅުންގެ ގޮތުގައި ގާނޫނީ ވަކީލު ހުސައިން ސިރާޖާއި ގާނޫނީ ވަކީލު މުހައްމަދު އަނިލް ކަމަށް ޖޭއެސްސީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު