ރައީސް ވަހީދު އާއި ޔާމީން އަދި ގާސިމްގެ ކެންޑިޑެސީ ގަބޫލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ ތިން ބޭފުޅުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ އިންތިޚާބާ ގުޅޭގޮތުން މިއަދު ބޭއްވި ޚާއްސަ ޖަލްސާއެއްގައި ކަމަށެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން ގާސިމް އިބްރާހީމްއާއި އަބްދުﷲ ޔާމީން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވީ މިއަދު އެވެ. ރައީސް ވަހީދު ފޯމް ހުށަހެޅުއްވީ އިއްޔެ އެވެ.

ރައީސް ވަހީދު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެމަނިކުފާނު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވީ 2000 އަށް ވުރެ ގިނަ މީހުންގެ ސޮޔާއި އެކު އެވެ.

މި މަހުގެ 18 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފޯމް ހުށަހެޅުއްވުމުން އެދުވަހުގެ ހަވީރުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަނިކުފާނަކީ ވެސް އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ކަނޑައަޅާފަ އެވެ. އެހެންކަމުން އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވާ ހުރިހާ ބޭފުޅުން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު