މައުމޫން ވެރިކަމާ ހަވާލުވި އިރު ބޮލަކަށް ޖެހުނީ 180 ޑޮލަރު، މައުމޫން ފޭބި އިރު 4500 ޑޮލަރު: ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން މީހެއްގެ ބޮލަކަށް ޖެހުނީ 180 ވަރަކަށް ޑޮލަރު ކަމަށާއި ނަމަވެސް އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގަތް އިރު ނިސްބަތުން މީހެއްގެ ބޮލަކަށް 4500 ޑޮަލަރު (69،390 ރުފިޔާ) ޖެހޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"[ރައީސް މައުމޫން ވެރިކަމާ ހަވާލުވެވަޑައިގަތް އިރު] އަޅުގަނޑުމެންގެ ގައުމީ އުފެއްދުން ތެރިކަމުގެ ނިސްބަތަކީ 180 ވަރަކަށް ޑޮލަރު، އެ މަނިކުފާނު ވަކިވެވަޑައިގެންނެވި އިރު ގާގްގަނޑަކަށް 4500 ޑޮލަރު [ބޮލަކަށް ޖެހޭ]. އެކަމުން ރަމްޒުކޮށްދެނީ މި ހުރިހާ ކަމެއްގެ ތަރައްގީ. ކުޑަކުދިން ވިހެއުމުގެ ތެރޭގައި މަރުވާ އަދަދު ނޫނިއްޔާ މަންމައިން މަރުވާ އަދަދެއް މިކަހަލަ ތަފްސީލަކަށް ދިޔުމެއް ނެތި މިދަންނަވަނީ ކަންއޮތް ގޮތް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން މިހެން ވިދާޅުވީ ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ގަރާރު ޔާމީނާ ހަވާލު ކުރުމަށް މިރޭ ނަސަންދުރާ ޕެލެސް އޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި ރައީސް މައުމޫން އަޅުއްވާފައިވާ ތަރައްގީގެ ބިންގާ އިތުރަށް ވަރުގަދަ ކޮށް، އިގްތިސާދު ވަރުގަދަކޮށް ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯއްދަވައި ދެއްވާނެ ކަމަށެެވެ. އަދި ޑޮލަރު އިތުރަށް ކަންފަތިވިޔަ ނުދެއްވައި މިހާރު ބޮޑު ޑެފިސިޓަކާ އެކު އޮތް ދައުލަތުގެ ބަޖެޓް އަރަނި ބަޖެޓަކަށް ހައްދަވައި ދެއްވައި ފުދުންތެރި ގައުމަކަށް ހައްދަވާނެ ކަމަށެވެ.

ޕީޕީއެެމުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވެސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރެއްގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި އަރަނި ބަޖެޓަކަށް ހައްދަވައި އިގްތިސާދު އާރާސްތު ކުރައްވާނެ ކަމަށެވެ.

ރާއްޖެ އިން ބޭރުގައި ކިޔަވާ ކުދިންނަށް ވެސް ޔާމީން ރޭ ވަނީ މެސެޖެއް ދެއްވައިފަ އެވެ. އެ މަނިކުފާން ވިދާޅުވީ އެމްޑީޕީ ސަރުކާރުން އޮތީ މިދިޔަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޑެބިޓް ކާޑް ބޭނުންކޮށްގެން ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ފައިސާ ނުނެގޭ ގޮތަށް ހަމަޖައްސާފައި ކަމަށާއި އެކަމަށް ލުޔެއް ލިބި ކުރިއެކޭ ވެސް އެއްގޮތަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ބޭނުން ކުރެވޭ ގޮތަށް ހަމަޖެހުނީ ޕީޕީއެމް އިން ވެސް ކުރި މަސައްކަތާ އެކު ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމުން ކަމަށެވެ.

ޔާމީން މިރޭ ވިދާޅުވީ ޝަރުއީ ނިޒާމުގައި މައްސަލަތަކެއް ހުރިކަމަށް އުއްތަމަ ފަނޑިޔާރު ވެސް ވިދާޅުވެފައިވާ ކަމަށާއި އެމަނިކުފާނު ވިދާޅުވި ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ޝަރުއީ ނިޒާމް އިސްލާހު ކުރަން ޕީޕީއެމް އޮތީ ތައްޔާރަށް ކަމަށެވެ.

ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް އެއްކިބާ ކުރުމުގެ ނަތީޖާ ދިވެހީން ދެކެފި ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި ގާނޫނުގެ ހުކުމް ނެގެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި ރައްޔިތުންނަށް އަދުލުވެރި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމު ކޮށްދެއްވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.


ގަރާރު ހަވާލުކޮށްދެއްވުމަށް ފަހު މައުމޫން ދެއްކެވި ވާހަކަފުޅުގައި ޔާމީންގެ ވެރިކަމެއްގައި އިސްލާމްދީނުގެ ދިފާއުގައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މައުމޫން ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުއާ ވެސް ގުޅުން ބަދަހިކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު