ވޭތުވެ ދިޔަ ފަނަރަ އަހަރު ފުޓްބޯޅަ ކުޅުމުގައި ހޭދަކުރި، ނިއުރޭޑިއަންޓްގެ މިޑްފީލްޑަރު އަހްމަދު ނިޔާޒު ކެރިއާ ނިމެން ކައިރިވެފައިވަނިކޮށް ފުރަތަމަ ފަހަރަށް ގައުމީ ޓީމްގެ ސްކޮޑުން ޖާގަ ލިބިއްޖެ އެވެ.
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު، އުމުރުން 33 އަހަރުގެ ނިޔާއަށް ލިބިއްޖެ ނަމަ އެ ސްކޮޑްގައި މިވަގުތަށް ހުރި އެންމެ ދޮށީ ކުޅުތެރިއަކަށް ވުމުގެ އިތުރުން އޭނާ ވެގެން ދާނީ، ފުޓްބޯޅަ ކެރިއަރު ނިންމާލަން ކައިރިވެފައި ވަނިކޮށް އަލަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނެޝަނަލް ޓީމްސް، އަލީ ސުޒޭން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މިހާރު އެކުލަވާލަމުންދާ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އަދި މިހާތަނަށް ތިން ކުޅުންތެރިއަކަށް އަލަށް ޖާގަ ދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހުން އެކުލަވައިލި ގައުމީ ޓީމްގެ ސްކޮޑަށް މިވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައި. ސްކޮޑް އެކުލަވައިލުމުގެ ކަންތައް ކުރިއަށްދާއިރު މިހާރު މިވަނީ، ތިން ކުޅުންތެރިއަކަށް ސްކޮޑުން އަލަށް ފުރުސަތު ދީފައި،" ސުޒޭން ވިދާޅުވި އެވެ. "މިހާރު ގައުމީ ޓީމުގެ މުސާރަ ލިބޭ ލިސްޓަށް އަލަށް އިތުރު ކުރި ތިން ކުޅުންތެރިންނަކީ، ނިއުގެ އަހްމަދު ނިޔާޒު، ބީޖީގެ ކީޕަރު އިބްރާހިމް އިފްރާހް އަރީފް، އަދި ބީޖީގެ މުހައްމަދު އައްޒާމް."
ނިއު ލެގޫންސްއިން 1998ގައި ފުޓްބޯޅައިގެ ކެރިއަރު ފެށި، ނިޔާ 2003 ވަނަ އަހަރު ކްލަބް ވެލެންސިޔާއަށް ކުޅުމަށްފަހު 2007 ން ފެށިގެން 2011 ވަނަ އަހަރު ނިއުއަށް ބަދަލުވަންދެން ކުޅެފައިވަނީ، ވީބީ އައްޑޫ އެފްސީ އަށެވެ.
"ގައުމީ ޓީމަށް ކުޅުމަކީ ފުޓްބޯޅަ ކުޅޭ ކޮންމެ ކުޅުންތެރިއްގެވެސް ވަރަށް ބޮޑު އުއްމީދެއް. އަޅުގަނޑަށް ފުޓްބޯޅަ ކެރިއަރު ނިމެން ކައިރިވެފައި ހުއްޓާ ނަމަވެސް ގައުމީ ޓީމުން ފުރުސަތު ލިބިއްޖެ ކަމުގެ ވާހަކަ އިވުމުން ވަރަށް އުފާ ވެއްޖެ،" މިދިޔަ ސީޒަންގައި ނިއުގެ ކާމިޔާބުގެ އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވާ އަދި މިސީޒަންގައި ވެސް ފާހަގަ ކޮށްލެވޭ ތަފާތު ކުޅުމެއް ދައްކަމުން އަންނަ ނިޔާ، ސަންއާ ވާހަކަދައްކަމުން ބުންޏެވެ.
ނިޔާ ބުނީ ގައުމީ ޓީމަށް ކުޅުމަކީ އަބަދުވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި، އެހެން ނަމަވެސް އަދި އެފުރުސަތު ލިބިފައި ނުވާ ކަމަށެވެ.
"ގައުމީ ޓީމަށް ކުޅުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް. އެހެން ނަމަވެސް އަދި ފުރުސަތު ނުލިބެނީ. ދެން 16 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމް ސްކޮޑްގައި އަޅުގަނޑު މީގެ ކުރިން ހިމެނިފައިވާނެ،" ނިޔާ ބުންޏެވެ.