ވިކްޓަރީ ބަލިކޮށް މަހިބަދޫ ދިވެހި ލީގުގެ އުއްމީދު އާކޮށްފި

މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބް 4-2ން ބަލިކޮށް މަހިބަދޫ ސްޕޯޓްސް ކްލަބް އަންނަ އަހަރުގެ ދިވެހިލީގަށް ކޮލިފައި ވުމުގެ އުއްމީދު އާކޮށްފި އެވެ.

ލީގު އުސޫލުން އެއްބުރު ކުޅުމަށް ހަމަޖެހިފައިވާ ދިވެހި ލީގު ކޮލިފިކޭޝަން ގައި މިހާތަނަށް ކޮންމެޓީމެއް ދެމެޗު ކުޅެފައިވާއިރު ކުޅުނު ފުރަތަމަ މެޗު އެއްވަރުވެ، އަދި ދެވަނަ މެޗު ކާމިޔާބުކޮށް ހަތަރު ޕޮއިންޓް ފައިދާ ދެ ލަނޑާއެކު ތާވަލުގެ ކުރީގައި އޮތީ މަހިބަދޫއާއި ވިބީ އައްޑޫ އެފްސީ އެވެ. އަދި ތިން ޕޮއިންޓް ހޯދައިގެން ތާވަލްގެ ތިން ވަނައިގައި ވިކްޓަރީ އޮތްއިރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް މެކާނޯ ވަނީ ކުޅުނު ދެމެޗުން ބަލިވެ ކަޓައިފަ އެވެ.

މިއަދުގެ މެޗުގެ 23 ވަނަ މިނިޓުގައި މަހިބަދޫއަށް ކުރި ހޯދައިދިނީ ހިޝާމް ސަލީމް އެވެ. އަދި ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް މަހިބަދޫއަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު ޖުނައިދު އެވެ. އަދި 39 ވަނަ މިނިޓުގައި މަހިބަދޫގެ ތިންވަނަ ލަނޑު އެ ކްލަބަށް ކާމިޔާބު ކޮށްދިނީ، ޕްރިންސް އަތީވީއެވެ.

ޕްރެޝަރުގައި ކުޅެމުންދިޔަ ވިކްޓަރީއަށް މެޗުގައި އުންމީދު އާކޮށްދިނީ، މެޗުގެ 70 ވަނަ މިނިޓާއި 73 ވަނަ މިނިޓުގައި މަހިބަދޫގެ ގޯލަށް ބޯޅަ ވައްދާލައިގެން ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އިބްރާހީމް ޝަފްރާޒް އެވެ. އެހެން ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިރުވެސް ވިކްޓަރީއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިގެން އުޅެނިކޮށް މެޗުގެ އިތުރު ވަގުތުގައި މަހިބަދޫގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖުނައިދު އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓުގެ ތެރޭގައި ކުޅިވަރުގެ ރޫހާ ހިލާފުވެގެން ރެފްރީ ވަނީ ވިކްޓަރީގެ އިބްރާހީމް ސިނާޒްއާއި މުހައްމަދު ލިޔާހަށް ސީދާ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ދިވެހި ލީގު ކޮލިފިކޭޝަންގައި ބާކީ ދެމެޗު އޮތްއިރު، ފުރަތަމަ މެޗުގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ 10:00ގައި މަހިބަދޫ ނުކުންނާނީ މެކާނޯއާ ދެކޮޅަށެވެ. އެމެޗުން މޮޅުވިޔަސް އަދި އެއްވަރު ވިޔަސް މަހިބަދޫ އަންނަ އަހަރުގެ ދިވެހި ލީގަށް ކޮލިފައި ވާނެ އެވެ. އެހެން ނަމަވެސް މެކާނޯއަތުން ބަލިވެއްޖެ ނަމަ މަހިބަދޫ ޖެހޭނީ، ވީބީއާއި ވިކްޓަރީގެ ނަތީޖާއަށް އިންތިޒާރު ކުރާށެވެ.

އަންނަ ހަފްތާގެ ހުކުރުދުވަހުގެރޭ 10:00ގައި ކުޅުމަށް ހަމަޖެހިފައިވާ ކޮލިފިކޭޝަންގެ ފަހު މެޗުގައި ވާދަކުރާނީ ވިކްޓަރީއާއި ވީބީ އައްޑޫ އެފްސީ އެވެ.

ވިކްޓަރީއަށް އަންނަ އަހަރުގެ ދިވެހި ލީގުގައި ކުޅުމުގެ ފުރުސަތު ލިބޭނީ، ވީބީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ނެވެ. އަދި މެކާނޯއަތުން މަހިބަދޫ ބަލިވެ، ވީބީއާއި ވިކްޓަރީ އެއްވަރުވެ މަހިބަދޫއަށްވުރެ، ލަނޑުގެ ތަފާތު ވިކްޓަރީއަށް އިތުރު ކުރެވިއްޖެ ނަމަ ވިކްޓަރީއާއި ވީބީއަށްވެސް ފުރުސަތު އޮންނާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު