މިއަދު ހަވީރު ވީބީ އައްޑު އެފްސީ އަތުން 4-2ން ބަލިވެ، ދެވަނަ ޑިވިޝަންގެ ޗެމްޕިއަން، ސްޕޯޓްސް ކްލަބް މެކާނޯއަށް ދިވެހި ލީގަށް ކޮލިފައި ވުމުގެ ފުރުސަތު އެއްކޮށް ގެއްލިއްޖެ އެވެ.
ދިވެހި ލީގު ކޮލިފިކޭޝަންގެ ދެވަނަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން މެކާނޯ ބަލިވީ 3-0 ންނެވެ. އެހެން ކަމުން މިއަދުގެ ނަތީޖާއާއެކު އެ ޓީމްއޮތީ ކުޅުނު ދެމެޗުން ބަލިވެ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގަ އެވެ. އަދި މިއަދުގެ މެޗުން މޮޅުވުމުން، ދެ މެޗުން ލިބުނު 4 ޕޮއިންޓާއެކު ވީބީ އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. އަދި އެއް މެޗު ކުޅެ 3 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައި ވިކްޓަރީ އޮތްއިރު، ކުޅުނު އެއް މެޗުން އެއްވަރުވެ ޕޮއިންޓަކާއެކު ތާވަލުގެ ތިންވަނައިގައި އޮތީ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
ގަލޮޑު ދަނޑުގައި މިއަދު ކުޅުނު ދިވެހި ލީގު ކޮލިފިކޭޝަން މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދީވެސް މެކާނޯ އެވެ. މެޗުގެ 23 ވަނަ މިނިޓުގައި މެކާނޯގެ އާދަމް އިމްރާން، ވީބީގެ ޑިފެންސް ލައިން ފޫއަޅުވާލާފައި އެޓީމުގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ފޮނުވާލީ ބޯޅަ ގޮސްވަނީ ވީބީގެ ގޯލްގެ ތިރީ ކަނަށެވެ.
އެހެން ނަމަވެސް އޭގެ ހަ މިނިޓު ފަހުން ވީބީގެ ހެންސްލީ އަވިލޯ، މެކާނޯގެ ޕެނަލްޓީ އޭރިޔާތެރެއަށް ނަގައިދިން ރީތި ހުރަހެއް ގޯލްގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ވީބީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިނީ، އިސްމާއީލް ޖުހައިން ޒާހިރު އެވެ. އަދި އޭގެ މިނިޓެއް ފަހުން ލަނޑެއް ކާމިޔާބުކޮށް ވީބީއަށް މެޗުގެ ކުރި ހޯދައިދިނީ އަވިލޯ އެވެ.
ވީބީ މެޗުގެ ލީޑް ނެގި ހިސާބުން މެކާނޯގެ ކުޅުންތެރިން އިތުރު ހިތްވަރަކާއެކު ކުރިއަށްޖެހި ވީބީގެ ގޯލަށް ނުރައްކާ ކުރުމުގެ ނަތީޖާއަކަށްވީ މެޗުގެ 40 ވަނަ މިނިޓުގައި އެ ޓީމުގެ މުޙައްމަދު ޝާހް ވީބީގެ ގޯލަށް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ މެކާނޯއަށް ހަމަހަމަ ކޮށްދިނުމެވެ.
އަންނަ ސީޒަންގައި ދިވެހި ލީގުގައި ކުޅުމަށް މެކާނޯއިން ދެކެމުންއައި ހުވަފެން ފެނަށް ދުއްވާލީ ފަހު ހާފުގައި، ވީބީގެ ބިދޭސީ ފޯވަޑް ވިކްޓާ ބްރަނިމިރޯފް މެތީވް ކާމިޔާބު ކޮށްދިން ދެ ލަނޑުންނެވެ. އެގޮތުން އޭނާ ފުރަތަމަ ލަނޑު ވީބީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 52 ވަނަ މިނިޓުގަ އެވެ. އަދި ދެވަނަ ލަނޑު 72 ވަނަ މިނިޓުގަ އެވެ.
ދިވެހި ލީގު ކޮލިފިކޭޝަންގެ މެޗެއް މާދަމާ ހަވީރުވެސް ކުޅެވޭނެ އެވެ. އެ މެޗުގައި ވާދަކުރާނީ، ވިކްޓަރީއާއި މަހިބަދޫ އެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00ގަ އެވެ.