ޕީޕީއެމްގެ ޕްރައިމަރީ ބާތިލު ކުރަން އަނެއްކާ ވެސް އުމަރު ކޯޓަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ބާތިލު ކުރުމަށް އެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އަނެއްކާ ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އެހެން ޕާޓީތަކުގެ މެންބަރުން ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުލާފައިވާ ކަމަށް ކުރިން އޭނާ ހުށަހެޅުއްވި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުން ސާބިތުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިން ހުށަހެޅުއްވި މައްސަލަ ނާކާމިޔާބުވެފައި ވަނީ ހެކި ހުށަހެޅިފައި ނުވާތީ ކަމަށާއި މިފަހަރު މައްސަލަ ހުށަހެޅުއްވީ ދެ މީހުންގެ ހެކިބަހާ އެކު ކަމަށެވެ.

"ކުރިން މައްސަލަ ނާކާމިޔާބުވީ ހެކިނެތިގެން. މިފަހަރު އަޅުގަނޑު މި މައްސަލަ ހުށަހަޅާފައި ވަނީ ދެ މީހުންގެ ހެކިބަހާ އެކު،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ދަފްތަރުގައި ނުހިމެނޭ 8915 މީހުން ޕްރައިމަރީގައި ވޯޓުލާފައިވާ ކަމަށާއި އެކަން ސާބިތުކުރަން ކުރިން ހެކި ހުށަނޭޅީ ޕީޕީއެމް އިން އެކަމަށް އިންކާރުކޮށްފައި ނުވާތީ އާއި ޝަރީއަތުން ހެކި ހުށަހެޅުމަށް އަންގާފައި ނުވާތީ ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީ ބާތިލްކުރަން އެންމެ ފަހުން އުމަރު ހުށަހެޅުއްވި މައްސަލައިގައި ސިވިލް ކޯޓުން ކުރު ހުކުމްގައި ބުނެފައި ވަނީ ޕީޕީއެމްގައި ނުހިމެނޭ މީހަކު ޕްރައިމަރީގައި ވޯޓުދީފައިވާކަން ސާބިތުކޮށްދެވޭ ވަރުގެ އެއްވެސް ހެއްކެއް އުމަރުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިނުވާތީ އެ މައްސަލަ ސާބިތުނުވާ ކަމަށެވެ.

ހުކުމް އިއްވުމަށް ފަހު ގާޒީ އާއިޝާ ޝުޖޫން މުހައްމަދު ވިދާޅުވެފައި ވަނީ ޕްރައިމަރީގައި ހިނގަންނުޖެހޭ ވަރަށް ގިނަ ކަންކަން ހިނގާފައިވާ ކަން ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށާއި ނަމަވެސް ކޯޓުން މައްސަލަ ބަލާނީ ޝަރީއަތަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު