ރޭނިސް ސަލީމް އާއި އަޒްލިފްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ބަޔަކަށް ބިރުދައްކައި ސައިކަލެއް ފޭރިގަތް މައްސަލައެއްގެ ތުހުމަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާއި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިލްޓަން އަޒުލިފް ރައޫފް އާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ރޭނިސް ސަލީމް އާއި އަޒުލިފް ރައޫފްގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ އައްޑޫ ސިޓީގެ މީދޫ އިރާކް މުހައްމަދު ހާމިދު، 26، އާއި ހއ.ދިއްދޫ އޯޓަމްވާދީ އުބައިދުﷲ ސައީދު، 29، އަދި ގ.މޫންލައިޓްވިޔު އަބްދުﷲ އުނައިސް، 42، ގެ މައްޗަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ފަސް މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ އެކިދުވަސް މަތިން ދެ މީހަކަށް ބިރުދައްކައި ބަޔަކަށް ދޭންޖެހޭ ފައިސާތަކެއް އަތުލަން އުޅެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ފައިސާ ދައްކަންދެން ސައިކަލެއް ފޭރިގަނެ އެ ދެމީހުންގެ ގަޔަށް އަތްލައި މަޖުބޫރުން ތަންތަނަށް ގެންގޮސް އެދެމީހުން ނިސްބަތްވާ އޮފީހަކަށް ވަދެ އެ ދެމީހުންނަށް ބިރުދައްކައި އެ އޮފީހުގެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން ރޭނިސް ސަލީމް ވިދާޅުވެފައި ވަނީ ފުލުހުން އޭނާއާ ކުރި ސުވާލަކީ މީހަކު އޭނާއަށް ދޭންޖެހޭ ފައިސާތަކެއް ހޯދަން ގްރޫޕެއް ފޮނުވިންތޯ ކަމަށާއި އޭގެ ޖަވާބުގައި އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ އަށް އެއްވެސް ފައިސާއެއް ނުލިބިވާ ނަމަ އެ މައްސަލަ ހުށަހަޅުއްވާނީ ކޯޓަށް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވުމަށް ފުލުހުން ނިންމާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ޖޭއެސްސީގެ މެންބަރުކަމުން ސަލީމް ވަކިކުރައްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު