ތެޔޮ ކަމަށް ހީކޮށް، ޖަނަރޭޓަރަށް ފެން އެޅިގެން ގެމަނަފުށިން ކަރަންޓު ކެނޑިއްޖެ

ގއ. ގެމަނަފުށީ އިންޖީނުގެއަށް އެ އަތޮޅު ވިލިނގިލީ އިންޖީނުގެއިން ގެނައި ތެޔޮ ފީފާތަކުގައި ހުރި ފެން ޖަނަރޭޓަރަށް އެޅި މުޅިރަށުން ކަރަންޓް ކެނޑިއްޖެ އެވެ.

ގެމަނަފުށީ ކައުންސިލް މެންބަރު މުހައްމަދު ސޯލިހު "ސަން"އަށް ވިދާޅުވީ ވިލިނގިލީ އިންޖީނުގެއިން މިއަދު އެރަށަށް ފޮނުވާފައި ވަނީ 3000 ލީޓަރުގެ ތެޔޮކަމަށާއި އެއީ 15 ފީފާގެ ތެޔޮކަމަށެވެ.

އޭނާ ވިދާޅުވީ ވިލިނގިލީ އިންޖީނުގެއިން ފޮނުވި ތެޔޮ އެރަށު އިންޖީނުގެއަށް ލިބުނީ ތެޔޮ ހުސްވެގެން މުޅި ރަށުން ކަރަންޓު ކެނޑިފައި އޮތްތާ އެތައް ގަޑިއިރެއްވި ފަހުން ކަމަށެވެ. އަދި ލިބުނު ތެޔޮ އެޅިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޖަނެރޭޓަރު ހުއްޓި މުޅިރަށުން ކަރަންޓް ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލިނގިލީ އިންޖީނުގެއިން ފޮނުވި ތެޔޮއެޅުމުން ޖަނެރޭޓަރު ހުއްޓިފައި ވާތީ އިންޖީނުގޭގެ އިންޖިނިއަރުން އެކަން ބެލިއިރު ގިނަ އަދަދެއްގެ ފެން ޖަނެރޭޓަރުގެ ޓޭންކާއި ފިލްޓަރުން ފެނިފައިވާ ކަމަށާއި އެގޮތުން ފީފާއަކަށް ވުރެ ގިނަ ފެން ޖަނަރޭޓަރުގެ ޓޭންކުން ނަގާފައިވާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

"ވިލިނގިލީ އިންޖީނުގެއިން ފޮނުވި ތެޔޮ ޖަނެރޭޓަރަށް އެޅިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޖަނެރޭޓަރު މުޅިން ނިވިއްޖެ. ދެން އިންޖީނުގޭގެ އިންޖިނިއަރުން އެކަން ބެލިއިރު ޖަނެރޭޓަރުގެ ޓޭންކާއި ފިލްޓަރުގައި ގިނަ އަދަދެއްގެ ފެން ހުރި ކަމަށް ފާހަގަ ކުރެވުނު. ފީފާއަކަށް ވުރެ ގިނަ ފެން ޖަނެރޭޓަރުގެ ޓޭންކުން ވަނީ ނަގާފައި،" މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލިނގިލީ އިންޖީނުގެއިން އެރަށު އިންޖީނުގެއަށް ތެޔޮ ގެންނަމުންދާއިރު، ކޮންމެ މަހަކު 18،000 ލީޑަރުގެ ޑީސެލް އިންޖީނުގެއަށް ކްރެޑިޓަށް ދޫކުރުމަށް ގެމަނަފުށީ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް އޮއްވައި މާދުރުގައި އޮތް ރަށަކުން ތެޔޮ ގެންނަގެނައުމަކީ ކޮރަޕްޝަން އެކުލެވޭ ކަމަކަށް ނޫނީ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވިލިނގިލީ އިންޖީނުގެއިން ތެޔޮފީފާތަކެއް ގެނައި ދުވަހަކު ކައުންސިލަށް ލިބުނު ޝަކުވާއަކާ ގުޅިގެން ބެލިއިރު ކޮންމެ ފީފާއަކުން 27 ލީޓަރު ތެޔޮމަދުކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލިނގިލިން ތެޔޮހިފައިގެން ދިޔަ ދޯނީގެ ކެޕްޓަން ގެމަނަފުށީ މަސްމާރުކޭޓު ފާޚާނާތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްގެން ހުއްޓާ މިއަދު ހަވީރު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި އެކު އުމުރުން 28 އަހަރުގެ މީހަކު ގެމަނަފުށީ މަސްމާރުކޭޓު ފާޚާނާތެރެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގެމަނަފުށީ ކައުންސިލް މެންބަރު މުހައްމަދު ސޯލިހު ވިދާޅުވީ ދޭތެރެދޭތެރެއިން ރަށުން ކަރަންޓުކެނޑޭތާ ގާތްގަނޑަކަށް އެއް މަސް ދުވަސް ވެފައިވާ ކަމަށާއި ކަރަންޓް ކެނޑުމުގެ ސަބަބުން އެރަށު ގެތަކުގައި ބޭނުންކުރަމުން ގެންދާ އިލެކްޓޯނިކް ސާމާނުތަކެއް ވެސް ހަލާކުވެފައިވާ ކަމަށެވެ.

ގއ. ކަނޑުހުޅުދޫ އިންޖީނުގެއަށް ފޮނުވި ތެޔޮފީފާތަކަށް ވެސް ފެންއަޅާފައިވާ ކަމަށް އެރަށު ކައުންސިލްގެ މެންބަރަކު ސަން އަށް މައުލޫމާތުދެއްވަމުން ވިދާޅުވި އެވެ.

ސަންއަށް މައުލޫމާތުދެއްވި ކަނޑުހުޅުދޫ ކައުންސިލް މެންބަރު ވިދާޅުވީ ވިލިނގިލީ އިންޖީނުގެއިން ފޮނުވި ތެޔޮ ބޭނުން ކުރުމުން ގެމަނަފުށީ އިންޖީނުގޭގެ ޖަނެރޭޓަރަށް މައްސަލަ މައްސަލަޖެހިފައވާތީ އެރަށަށް ފޮނުވި ތެޔޮ ރަނގަޅަށް ޗެކްކުރުމަށް ފަހު ނޫނީ ބޭނުންނުކުރުމަށް ކައުންސިލުން މިހާރު އިންޖީނުގެއަށް އަންގާފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ގެމަނަފުއްޓާއި ކަނޑުހުޅުދޫ އިންޖީނުގެއިން އެ މައްސަލަ ހުށަހަޅާފައި ވާތީ އެކަން ހިނގައިދިޔަގޮތް ބަލަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ތެޔޮފީފާތަކަށް ފެން އަޅާފައިވާކަމަށް އެ ދެ ރަށުގެ އިންޖީނުގެތަކުން ބުނާތީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ހުށަހަޅާނެ ކަމަށެވެ.

ނިމާލު ވިދާޅުވީ ކަނޑުހުޅުދު އަށް ތެޔޮ ސަަޕްލައި ކުރަނީ އެ އަތޮޅު ވިލިނގިލީގައި ހުންނަ އެ ކުންފުނީގެ ޓޭންކުން ކަމަށާއި އެ ޓޭންކުން ގެމެނަފުއްޓަށް ވެސް ތެޔޮ ސަޕްލައި ކުރަނީ ބީލަމުގެ އުސޫލުން ކުއްޔަށް ނަގާފައިވާ ދޯންޏަކުން ކަމަށެވެ. އަދި ވިލިގިލިން އެ ރަށަށް ތެޔޮ ގެންދަން ޖެހެނީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިއުލް ސަޕްލައި މޯލްޑިވްސް އިން ތެެޔޮ އެ އަތޮޅަށް ގެންގޮސް ސްޓޯ ކުރަނީ ވިލިނގިލީގައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު