ސްކޫލް ކްރިކެޓް ލީގު 2013:
މުހިއްދީން، ތާޖުއްދީން، ކަލާފާން އަދި އިސްކަންދަރު ސެމީއަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ފިލިޕްސް ސްކޫލް ކްރިކެޓް ލީގް 2013ގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެ ސެމީފައިނަލުން ޓީމުތައް ޖާގަ ހޯދައިފި އެވެ.

މިއަދު ކުޅުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ، މުހިއްދީން ސްކޫލާއި ތާޖުއްދީން ސްކޫލް އެވެ. އަދި ދެވަނަ ސެމީގައި ވާދަކުރާނި، ކަލާފާން ސްކޫލާއި އިސްކަންދަރު ސްކޫލް އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗް، އިސްކަންދަރާ ވާދަކޮށް ހަ ވިކެޓުން ކާމިޔާބު ކުރީ މުހިއްދީން އެވެ. ޓޮސް ދިމާވުމުން، މުހިއްދީން ނިންމީ ހޮވާށެވެ. އަދި އިސްކަންދަރު ކުޅެން އަރައި، 15 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ، 177 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ، 32 ލަނޑު ހެދި އަޒިޔާން ޔޫސުފް އެވެ.

ޖަވާބުގައި މުހިއްދީން ކުޅެން އަރައި، 15 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 178 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައި ނުވެ 31 ލަނޑު ހެދި ޝިބާން އެވެ.

އިއްޔެގެ ދެވަނަ މެޗުގައި ޣިޔާސުއްދީން އިންޓަނޭޝަނަލް އަތުން ކަލާފާން މޮޅުވީ 68 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ކަލާފާން ކުޅެން އަރައި 15 އޯވަރުގެ ތެރޭގައި 243 ލަނޑު ހެދި އެވެ. ޖަވާބުގައި ކުޅެން އަރައި 15 އޯވަރުގެ ތެރޭގައި ޣިޔާސުއްދީން އަށް ހެދުނީ އެންމެ 175 ލަނޑެވެ. އެ މެޗުގައި ކަލާފާން ސްކޫލުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައިނުވެ 30 ލަނޑު ހެދި ހަންސަލް އެވެ. އަދި ޣިޔާސުއްދީނުން އެންމެ ރަނގަޅަށް ކުޅިނީ ނުބައި ނުވެ 14 ލަނޑު ހެދި ސައިފް އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗް ފަށާނީ، މެންދުރުފަހު 2:00ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު