ސްކޫލް ކްރިކެޓް ލީގު 2013:
މުހިއްދީން އާއި ތާޖުއްދީން މޮޅުވެއްޖެ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ފިލިޕްސް ސްކޫލް ކްރިކެޓް ލީގް 2013ގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗު ތަކުގެ ތެރެއިން އިއްޔެ ކުޅުނު ފުރަތަމަ މެޗް، މުހިއްދީން ސްކޫލް އަދި ދެވަނަ މެޗް ތާޖުއްދީން ސްކޫލް ކާމިޔާބު ކޮށްފި އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗު މުހިއްދީން ސްކޫލް ކާމިޔާބު ކުރީ ޖަމާލުއްދީން ސްކޫލާ ވާދަކޮށް ހަ ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ޖަމާލުއްދީން ކުޅެއަރައި 15 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 166 ލަނޑެވެ. ޖަވާބުގައި މުހިއްދީން ސްކޫލް ކުޅެން އަރައި 15 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 167 ލަނޑު ހަދާފައި ވެއެވެ.

އެ މެޗުގައި ޖަމާލުއްދީނުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައިނުވެ 30 ލަނޑު ހެދި ހުސެއިން މަފާޒް އެވެ. މުހިއްދީން ސްކޫލުން އެންމެ ރަނގަޅަށް ކުޅުނީ 17 ލަނޑު ހެދި ނާއިލް އެވެ.

ދެވަނަ މެޗުގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް ތާޖުއްދީން މެޗު ކާމިޔާބު ކުރީ 10 ވިކެޓުންނެވެ. ޓޮސް ދިމާވުމުން ޣިޔާސުއްދީން ކުޅެންއަރައި، 15 އޯވަރުގެ ތެރޭގައި ހެދުނީ 186 ލަނޑެވެ. ޖަވާބުގައި ކުޅެން އަރައި، ތާޖުއްދީން ވަނީ 14 އޯވަރުގެ ތެރޭގައި 187 ލަނޑު ހަދާފަ އެވެ. އެ މެޗުގައި ޣިޔާސުއްދީނުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައި ނުވެ 20 ލަނޑު ހެދި ސާއިފް އެވެ. އަދި ތާޖުއްދީނުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 22 ލަނޑު ހެދި ރިސާން އެވެ.

ސްކޫލް ލީގުގައި މިއަދުވެސް ދެ މެޗު ކުޅެވޭނެ އެވެ. އެގޮތުން 2:00ގައި ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ވާދަކުރާނީ ތާޖުއްދީން ސްކޫލާއި ކަލާފާން ސްކޫލް އެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ، އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު