ކްރިކެޓާ އޮފް ދަ އިޔާގެ މަގާމް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އަބްދުﷲ ޝާހިދު ހޯދައިފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ހޮވި ކްރިކެޓާ އޮފް ދަ އިޔާގެ މަގާމް، ޖެހިޖެހިގެން ތިންވަނަ ފަހަރަށް މާލޭ ސްޕޯޓްސްގެ އަބްދުﷲ ޝާހިދު ހޯދައިފި އެވެ.

ޣިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި "ކްރިކެޓް ނައިޓް 2013"ގެ ހަފްލާގައި، 2010 އަދި 2011 ވަނަ އަހަރު ވެސް ކްރިކެޓާ އޮފްދަ އިޔާގެ މަގާމް ހޯދި އަބްދުﷲ ޝާހިދަށް، 2012 ވަނަ އަހަރުގެ ކްރިކެޓާ އޮފްދަ އިޔާ ޓްރޮފީ ހަވާލުކޮށްދެއްވީ، ކުޅިވަރާބެހޭ ވަޒީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ.

ވޭތުވެ ދިޔަ އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މުހައްމަދު ރިޝްވާން އެވެ. އެންމެ ރަނގަޅު އުކުންތެރިޔާ އަށް މިހުސާން ހާމިދު ހޮވުނު އިރު 2012ގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ސަފްރާޒް ޖަލީލު އެވެ.

ރޭގެ ހަފްލާގެ ޝަރަފްވެރި މެހްމާން، އޮލިމްޕިކް ކޮމެޓީގެ ރައީސް އިބްރާހީމް އިސްމާއީލްގެ ވާހަކަފުޅުގައި، އޭނާ ކްރިކެޓް ކުޅުއްވި އިރު ދިމާވި ބައެއް ކަންތައްތައް ހިއްސާކުރެއްވުމުގެ އިތުރުން ޒުވާން ކްރިކެޓަރުންނަށް، ކްރިކެޓްގެ މުހިއްމު ކަމާއި ކްރިކެޓްގައި ސާބިތުވެ ތިބުމުން ލިބޭނޭ ފައިދާއާއި މަންފާގެ މައްޗަށް ވާހަކަފުޅު ދެއްކެވި އެވެ.

މިދިޔަ އަހަރު ވައިޑީޕީން ހޮވާލެވުނު އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ސީއެޗްއެސްއީގެ އަހްމަދު ޔާނިސް އަބްދުއްރަހީމްއާއި ތާޖުއްދީން ސްކޫލްގެ އަހްމަދު އިކްރާމްއާއި ޖަމާލުއްދީން ސްކޫލްގެ އިސްހާގު އީސާއާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ މުހައްމަދު ޖިނާހުއާއި އަދި ކަލާފާނު ސްކޫލްގެ މުހައްމަދު މިޒްދާން އެވެ.

ވޭތުވެ ދިޔައަހަރުގެ 16 އަހަރުން ދަށުގެ އެންމެ މޮޅު ފަސް ކްރިކެޓް ކުޅުންތެރިންނަށް ހޮވުނީ، ތުސާރު ސުނިލް، އާދަމް ނާސިފް އުމަރު، އިސްމާއީލް ނަޒުވާން ބަދީއު، އަލީ ސުނާން އަދި އިބްރާހީމް ރިޒާން އެވެ.

ހުސްވި އަހަރުގެ އެންމެ ރަނގަޅު ކޯޗަކަށް ހޮވުނީ ހަލްގަހަ ގަމަގެ ޑޮން ސުޖިތު އެވެ. އެންމެ ރަނގަޅު އަމްޕަޔަރަކަށް ހޮވުނީ އަހްމަދު އިސްހާގު އެވެ. އަދި އެންމެ އެކްޓިވް ސްކޫލަކަށް ފުވައްމުލަކު އެމްޖޭއެމް ހޮވުނު އިރު 2012 ވަނަ އަހަރު އެންމެ ގިނައިން ކްރިކެޓް ކަވާ ކުރި މީޑިޔާއަކަށް ހޮވުނީ "ސަން އޮންލައިން" އެވެ.

ނިމިދިޔަ އަހަރުގެ އެންމެ މޮޅު ކްލަބަކަށް ހޮވިފައިވަނީ ހިންނަވަރު ހިރިޔާއެވެ. އަދި 2012 ވަނަ އަހަރު ކްރިކެޓް ތަރައްގީކުރުމަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދިން ފަރާތަކަށް ހޮވުނީ ރިނބިދޫ މުހައްމަދު ނަސީރު އެވެ.

ރޭ ބޭއްވި ކްރިކެޓް ނައިޓުގައި ދެވުނު ކްރިކެޓްގެ ހާއްސަ އިނާމްތަކުގެ ތެރޭގައި، ކްރިކެޓް ހަރަކާތްތައް ސްޕޮންސާކޮށް ރާވައި ހިންގާ ފަރާތްތަކަށް އިނާމް ދީފައި ވެއެވެ. އެގޮތުން އެސްޓީއޯ، އަލޯރާ، އޯލް ސްޕޯޓްސް، އަހްމަދު ޖަލީލުގެ އާއިލާ، އަދި މިލާން ކްރިކެޓް އެކަޑަމީއަށް އިނާމް ދީފައި ވެއެވެ.

ކްރިކެޓްގެ ހަރަކާތްތައް އަލަށް ތައާރަފްކޮށް ހިންގާފައިވާ ފަރާތްތަކަށްދޭ އިނާމް މިފަހަރު ހާސިލްކުރީ، ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި، ބ. އަތޮޅު ތައުލީމީ މަރުކަޒާއި އަދި ލ. އަތޮޅު ތައުލީމީ މަރުކަޒެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު