ޕާޓީ ބަލިކަށިކޮށްލަން ވާދަވެރި ސިޔާސީ ފަރާތްތަކުން އެކިކަހަލަ ތުހުމަތުތައް ދަނީ ކުރަމުން: މައުމޫން

ރިޔާސީ އިންތިޚާބާ ގުޅުވައިގެން ޕާޓީ ބަލިކަށިކޮށްލުމަށް ވާދަވެރި ސިޔާސީ ފަރާތްތަކުން ޕީޕީއެމްއާ މެދު އެކިކަހަލަ ތުހުމަތުތަކެއް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ނެއްރުވި ބަޔާނެއްގައި މައުމޫން ވިދާޅުވީ އެޕާޓީއާ ބެހޭގޮތުން ފަހަކަށްއައިސް ސިޔާސީ ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ރައްޔިތުންގެ ތާއީދު ކުޑަކުރެވޭތޯ ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

".... ޕީޕީއެމް އަށް ލިބެމުން އަންނަ ކުރިއެރުންތަކާއި ކާމިޔާބުތަކާ މެދު ހިތްހަމަނުޖެހޭ ވާދަވެރި ސިޔާސީ ފަރާތްތަކުން، މި ޕާޓީއާ މެދު އަންނަނީ ތާފާތު ތުހުމަތުތައް ކުރަމުންނެވެ. މިފަދަ ވާހަކަތަކަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅުވައިގެން، މި ޕާޓީ ބަލިކަށިކޮށް އަދި ޕާޓީގެ ރިޔާސީ ޓިކެޓަށް ރައްޔިތުން ކުރައްވަމުން ގެންދަވާ ތާއީދު ކުޑަކުރެވޭތޯ ފަތުރަމުން އަންނަ ދެކޮޅު ނުޖެހޭ ވާހަކަތަކެކެވެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޕީޕީއެމްގެ މަގުސަދަކީ ބައިނަލްއަގުވާމީ އަދި އިސްލާމީ މުޖުތަމައުގައި ދިވެހީންނަށް ހައްގު ގަދަރާއި މަގުބޫލުކަން ހޯދައިދިނުން ކަމަށެވެ.

ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޑިމޮކްރެސީގެ ހަރުދަނާ އުސޫލުތަށް ގައުމުގައި އަށަގެންނެވުމާއި ރާއްޖޭގެ މުއްސަނދިކަމުގެ ވަސީލަތްތައް ދިވެހީންގެ އަތްމަތީގައި ދަމަހައްޓައި އިގްތިސޯދީގޮތުން ދިވެހީން އިތުރަށް ފުދުންތެރިކުރުވުމަކީ ވެސް ޕީޕީއެމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމްއާ ގުޅޭގޮތުން މިފަހަކަށް އައިސް ސިޔާސީ ފަރާތްތަކުން އެކިކަހަލަ ވާހަކަތައް ދައްކަވާފައި ވަނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް ހަވާލުކުރި ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވާލާފައި ވަނީ ހިތްހަމަޖެހޭ ގޮތަށް ނޫންކަމަށް ވިދާޅުވެ އިންޑިއާގެ ބައެއް ނޫސްތަކަށް އެމަނިކުފާނު ދެއްވާފައިވާ އިންޓަވިއުއަކާ ގުޅިގެންނެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވެފައި ވަނީ ޕާޓީތަކާ މަޝްވަރާނުކޮށް، އެއްބަސްވުމުގައި ސޮއިކުރުމަކީ ކުރީގެ ސަރުކާރުން ހެދި ގޯހެއް ކަމަށާ އެ މައްސަލައިގާ މިހާރުގެ ސަރުކާރުން ޖީއެމްއާރާއި އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށްގެން ގަބޫލުކުރެވޭ ފަދަ ހައްލެއް ހޯދުނީސް ކަމަށެވެ.

މައުމޫން އެފަދަ އިންޓަވިއުއެއް އިންޑިއާގެ ނޫސްތަކަށް ދެއްވާފައިވާއިރު ޕީޕީއެމްގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރްއަތުން އަތުލުމުން ދިވެހި ރައްޔިތުނަށް ލިބޭ ގެއްލުމުގެ ޒިންމާ އެންމެ ބޮޑަށް ނަންގަވަން ޖެހޭ އެއް ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު