އިމިގްރޭޝަނާ މެދު ފިޔަވަޅުއެޅުމަށް ފަސްނުޖެހޭނަން: އަބްދުﷲ ގާޒީ

ކޯޓުގެ އަމުރަށް ތާބާނުވާ ނަމަ އިމިގްރޭޝަނާ މެދު ފިޔަވަޅުއެޅުމަށް ފަސްނުޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ގާޒީ އެގޮތަށް ވިދާޅުވެފައި ވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ކޭސީ ސްބޯދަނާ ޑެލްކަންދުރަ އަރާޗި ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިހެން އެކަމަށް ޖަވާބުދާރީވުމަށް އެމީހާއާ އެކު އިމިގްރޭޝަނުން ޖަވާބުދާރީ ވާނެ ބޭފުޅަކު ކޯޓަށް ހާޒިރުވުމަށް މީގެކުރިން އިމިގްރޭޝަނަށް އެންގި އެންގުމަށް އަމަލު ކޮށްފައި ނުވާތީ އެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ހުށަހެޅި މައްސަލައާ ގުޅިގެން މީގެކުރިން ކޯޓުން އެންގި އެންގުންތަކަށް ތަބާވެފައި ނުވާތީ އެންމެފަހުން ކޯޓުން ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ނޫން ނަމަ އޭނާ ކަނޑައަޅާ ބޭފުޅަކު މިއަދު 12:00ގެ ކުރިން ކޯޓަށް ހާޒިރުވުމަށް އަމުރެއް ނެރެފަ އެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރާ ގުޅިގެން މިއަދު ކޯޓަށް ހާޒިރުވީ އިމިގްރޭޝަންގެ އެގްޒެކްޓިވް އޮފިސަރު އަބްދުލްޣަފޫރު އަހްމަދު އެވެ.

މިއަދު ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަބްދުﷲ ގާޒީ ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އަބްދުލްޣަފޫރު ވިދާޅުވީ ކޯޓުން އެންގި އެންގުމަށް ތަބާވެފައި ނުވަނީ ކޯޓުން ފޮނުވި ސިޓީ އިމިގްރޭޝަންގެ ލީގަލްސެކްޝަނަށް ލިބިފައި ނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ތަހުގީގުން އެމީހާއަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެފައިވާ މީހެއްކަން އެނގިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ވޯކް ވިސާ ހަމަވުމުން ވިސާ އިތުރުނުކޮށް އޭނާ ރާއްޖޭގައި އުޅެފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ އުމުރަށް ޑީޕޯޓް ކުރުމަށް އިމިގްރޭޝަން ކޮންޓްރޯލަރު ނިންމަވާފައިވާ ކަމަށް ވެސް އަބްދުލްޣަފޫރު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އެމީހާގެ ވަކީލު ޝާހު ވިދާޅުވީ އުމުރަށް ޑީޕޯޓްކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާ ސްރީލަންކާއަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްފައި ވަނީ އިމިގްރޭޝަނުން ކޮށްފައިވާ ގާނޫނާ ޚިލާފު ކަންތައް ފޮރުވުމަށް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ މިހާރު ބަލާ މައްސަލައަކީ ގާނޫނާ ޚިލާފަށް އެމީހާ ހައްޔަރު ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ނޫންކަމަށާއި މިހާރު ބަލާ މައްސަލައަކީ އިމިގްރޭޝަނުން ކޯޓުގެ އަމުރަށްތަބާނުވި މައްސަލަ ކަމަށެވެ.

ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ހުރަސްއެޅުމަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކުށެއް ކަމަށާއި އެފަދަ ކުށެއް ކޮށްފި މީހަކަށް ގާނޫނުން އުގޫބާތުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެ ކުށަށް ކަނޑައެޅިފައިވާ އަދަބުތަކުގެ ތެރޭގައި ޖަލަށް ލުމާއި އަރުވާލުމާއި ޖޫރިމަނާ ކުރުން ވެސް ހިމެނޭ ކަމަށާއި އިމިގްރޭޝަނާ މެދު ވެސް އެފަދަ ފިޔަވަޅެއް އަޅަން ކޯޓުން ފަސް ނުޖެހޭނެ ކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ އެފަދަ އަމަލެއް އިމިގްރޭޝަނުން ތަކުރާރުކޮށްފިނަމަ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އެ އިދާރާއާ މެދު ވަގުތުން ފިޔަވަޅު އަޅާނެކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު