ބައިނަލް އަގުވާމީ ފުޓްބޯޅަ މެޗެއްގައި ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑު ޖަހައިދިން ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ގ. ޖޫލިއެޓް އަބްދުﷲ ރަޝީދު (ޖޫލޭ) 57އ. ގައި މިއަދު ނިޔާވެއްޖެ އެވެ.
ޖޫލޭ ރާއްޖޭގެ ގައުމީ ޓީމަށް ޖައިދިން ތާރީޚީ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 1979 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑްސް ގޭންމްސްގައި ރާއްޖެއާއި ކޮމޮރޯސް ބައްދަލު ކުރި މެޗުގައި ކޮމޮރޯސްގެ ކޮޅަށެވެ.
ބައިނަލްއަގްވާމީ މެޗެއްގައި ރާއްޖޭގެ ގައުމީ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނުމުގެ ޝަރަފް ހޯދި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކުރީގެ ޑިފެންޑަރު، ޖޫލޭގެ އާއިލާއިން "ސަން"އަށް ކިޔައިދިން ގޮތުގައި ޖޫލޭ މަރުވެފައިވަނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އިންޑިޔާގެ ޓްރިވެންޑްރަމްގައި ހުންނަ ރީޖަނަލް ކެންސާ ސެންޓަރުގައި ކަމަށެވެ. ޖޫލޭ ފުއްޕާމޭގެ ކެންސަރު ބައްޔަށް ފަރުވާ ކުރަން ފަށާފައި ވަނީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ހިސާބުގައެވެ.
ޖޫލޭ ނިޔާވި އިރު އޭނާގެ އަނބިމީހާ އާއި ހަތަރު ފިރިހެން ދަރިންނާއި އަދި ހަތަރު އަންހެން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
ވިކްޓަރީ ސްޕޯޓްސް ކުލަބު އުފެއްދުމުގައި ވެސް ހަރަކާތްތެރިވި ޖޫލޭ އަކީ 1985 ވަނަ އަހަރު އެކުލަބު ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި މިލްކު ކުރި އިރު އެ ވިކްޓަރީގެ ކެޕްޓަނެވެ. އަދި އޭގެ ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ޖޫލޭވަނީ ވަރަށް ފަހަކާ ޖެހެންދެންވެސް ކުލަބުގެ އޮފިޝަލެއްގެ ގޮތުން ވިކްޓަރީއަށް ހިދުމަތް ކޮށްދީފައެވެ.