އަޅުގަނޑާ އެއްވެސް ގޭންގް ގްރޫޕަކާ ގުޅުމެއް ނޯންނާނެ: ރޭނިސް ސަލީމް

އެއްވެސް ގޭންގް ގުރޫޕަކާ ގުޅުމެއް ނޯންނާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވެއްޖެ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ އެއްވެސް ގޭންގް ގުރޫޕަކާއި އަދި ގޭންގުތަކަށް ނިސްބަތްވާ އެއްވެސް މީހަކާއި އޭނާއާ ގުޅުމެއް ނޯންނާނެ ކަމަށެވެ.

"ފުރަތަމަ އަޅުގަނޑު ޔަގީން ކޮށްދޭން ބޭނުންވޭ ރާއްޖޭގެ އެއްވެސް ގްރޫޕަކާ އެއިން އެއްވެސް މީހަކާ އަޅުގަނޑާ ގުޅުމެއް ނޯންނާނެ ކަމަށް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ފުލުހުން އޭނާއާ ކުރި ސުވާލަކީ މީހަކު އޭނާއަށް ދޭންޖެހޭ ފައިސާތަކެއް ހޯދަން ގްރޫޕެއް ފޮނުވިންތޯ ކަމަށާއި އޭގެ ޖަވާބުގައި އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާ އަށް އެއްވެސް ފައިސާއެއް ނުލިބިވާ ނަމަ އެ މައްސަލަ ހުށަހަޅުއްވާނީ ކޯޓަށް ކަމަށެވެ.

"އަޅުގަނޑާ ކުރި ސުވާލަކީ އަޅުގަނޑަށް އެއްވެސް މީހަކު ދޭން ޖެހޭ ފައިސާތަކެއް ހޯދަން އަޅުގަނޑު އެއްވެސް ގުރޫޕެއް ފޮނުވިން ހޭ. ދެން އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ހޯދަން އަޅުގަނޑު އެއްވެސް ގްރޫޕެއް ނުފޮނުވަމޭ. އިނގޭތޯ. އެކަމަކު މީތި ކަވަރޭޖް ކޮށްފައި އޮންނަ އިރު އޮންނަނީ ވަރަށް ނުބައިކޮށް. އެހެންވީމާ އެއީ ގޯހެކޭ. އެހެންވީމާ އަޅުގަނޑަށް މީހަކު ދޭން ޖެހޭ ފައިސާތަކެއް ހޯދަންޏާ އަޅުގަނޑު ދާނީ ކޯޓަށޭ. އަޅުގަނޑު ގްރޫޕެއް މެދުވެރިކުރާކަށް ނުޖެހޭނެޔޭ،" ސަލީމް ވިދާޅުވި އެވެ.

ގޭންގު ގުރޫޕެއް ބޭނުންކޮށްގެން އޭނާ ކުށްތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވާ ކަމަށާއި އެއީ ހަގީގީ ވާހަކައެއް ނޫން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އޭގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ސިފައިންގެ މީހެއް ކަމަށްވާ ކޯޕްރަލް އަޒްލިފް ރައޫފު އާއި އޭނައާ ގުޅުންތަކެއް އޮތް ކަމަށް ދެކެވޭ ވާހަކަތައް ވެސް ސަލީމް ވަނީ ދޮގުކުރައްވާފަ އެވެ.

"ވަރަށް ބޮޑު ސުވާލެއް މި އުފައްދަނީ އަޒުލިފް ކިޔާ ކުއްޖަކާ. އަޅުގަނޑު މިއަދު ނޫސް ކިޔާލި އިރު މި އޮންނަނީ އަޒުލިފް ކިޔާ ކުއްޖަކާ ވާހަކަތަކެއް ބުނެފައި. އިނގޭތޯ. މިވަގުތަކީ ވަރަށް ނާޒުކު ވަގުތެއް. މިވަގުތުގައި އޭނަގެ ނަމާ އަޅުގަނޑުގެ ނަމާ ގުޅުވާފައި އެއޮތީ. އެއްވެސް ނޫސްއަކުން ވެސް އެގޮތަށް ލިޔުމަކީ އަޅުގަނޑު އެދޭގޮތެއް ނޫން،" ސަލީމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު