ހަވީރު ނޫހާއި "ހަވީރު ނިވްސް އެޖެންސީ"އާ ދެމެދު އޮތީ ކޮން ގުޅުމެއްކަން ސާބިތުކޮށް ނުދެވޭ: ސުއޫދު

ހަވީރު ނޫހާއި "ހަވީރު ނިވުސް އެޖެންސީ"އާ ދެމެދު އޮތީ ކޮން ގުޅުމެއްކަން ދައުވާ ކުރާ ފަރާތްތަކަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ހަވީރު ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ހުސްނުއްސުއޫދު މިހެން ވިދާޅުވީ "ހަވީރު ނިވްސް އެޖެންސީ"ގެ ދެ މުއައްސިސުން ކަމަށްވާ ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަން އާއި ހ. މީރުބަހުރުގެއާގޭ އިބްރާހީމް ރަޝީދު މޫސާ ހަވީރުގެ ޗެއާމަން ޒާހިރު ހުސައިނާދެކޮޅަށް ދައުވާ ކުރި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ހަވީރު ވިއްކާލުން ހުއްޓުވައިދިނުމަށް އަބްދުﷲ ފާރޫގު ހަސަން އާއި އިބްރާހީމް ރަޝީދު މޫސާ އެދިފައިވާ ވަގުތީ އަމުރަކަށް ޖަވާބުދާރީވަމުން ސުއޫދު ވިދާޅުވީ ވަގުތީ އަމުރު ނެރުމުގައި ޝަރީއަތުން ބަލާ އެއް މިންގަނޑަކީ އެ އަމުރު ނުނެރެފިނަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ދައުވާ ކުރާ ފަރާތަށް ލިބިދާނެތޯ ނުވަތަ ނޫންތޯ ކަމަށެވެ.

އެ ނުކުތާއަށް ބަލާއިރު އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި ސަބަބަކީ ދައުވާ ކޮށްފައި ވަނީ ހަވީރު ނޫސް ވިއްކުމުގެ ކަންތައް ހުއްޓުވުމަށް ކަމަށް ވާއިރު، އެކަން ހުއްޓުވިޔަސް އަދި ނުހުއްޓުވިޔަސް ދައުވާ ކުރާ ފަރާތްތަކުގެ ހައްގު ގެއްލިގެން ނުދާނެތީ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ހަވީރު ނޫހާއި "ހަވީރު ނިވްސް އެޖެންސީ" އަކީ މުޅިން ތަފާތު ދެ ތަނެއް ކަމަށާއި އެއް ފަރާތާއި އަނެއް ފަރާތާއި ގުޅޭނެ ސަބަބެއް ދައުވާ ކުރާ ފަރާތްތަކަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަވީރު ނޫހަކީ 1979 ވަނަ އަހަރުން ފެށިގެން މުހައްމަދު ޒާހިރު ހުސައިންގެ މަސްއޫލުވެރިކަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ކަމަށެވެ.

އަބްދުﷲ ފާރޫގު ހަސަން އާއި އިބްރާހީމް ރަޝީދު މޫސާ ކުރެއްވި ދައުވާގައި ބުނެފައި ވަނީ ހަވީރު ނޫހާއި އެތަނުގެ ޗާޕްޚާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ ހަވީރުގެ މިހާރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އަދި މުހައްމަދު ނައީމް ނަމަކަށް ކިޔާ މީހަކު އެއްވަރަށް ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީގެ ދަށުން ކަމަށެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރު ނޫސް އެޖެންސީގެ މުދަލާއި އެތަނަށް ލިބޭ ފައިދާ ބަހަންޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައެއްގެ ދަށުން ކަމަށާއި ނަމަވެސް މިހާތަނަށް ހަވީރު ނޫސް އެޖެންސީގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ އަނެއް ތިން ބޭފުޅުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ކަމަށް ވެސް އެ ދެ ބޭފުޅުން ކުރެއްވި ދައުވާގައި ބުނެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު