"ހަވީރު ނޫސް އެޖެންސީ"ގެ ދެ މުއައްސިސަކު ޗެއާމަނާ ދެކޮޅަށް ދައުވާ އުފުލައިފި

"ހަވީރު ނޫސް އެޖެންސީ"ން ވިޔަފާރިކޮށްގެން ލިބޭ ފައިދާ މިހާތަނަށް ވެސް ލިބިފައި ނުވާކަމަށް ބުނެ އެ ނޫސް އުފެއްދުމުގައި ހަރަކާތްތެރިވި ދެ މުއައްސިސަކު އެތަނުގެ މިހާރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިނާއި ދެކޮޅަށް ދައުވާ ކޮށްފި އެވެ.

ހަވީރުގެ ޗެއާމަނާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަން އާއި ހ. މީރުބަހުރުގެއާގޭ އިބްރާހީމް ރަޝީދު މޫސާ އެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅުއްވަމުން އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ވިދާޅުވީ ހަވީރު ނޫހާއި އެތަނުގެ ޗާޕްޚާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ ހަވީރުގެ މިހާރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އަދި މުހައްމަދު ނައީމް ނަމަކަށް ކިޔާ މީހަކު އެއްވަރަށް ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީގެ ދަށުން ކަމަށެވެ.

ރިޒާ ވިދާޅުވީ އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރު ނޫސް އެޖެންސީގެ މުދަލާއި އެތަނަށް ލިބޭ ފައިދާ ބަހަންޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައެއްގެ ދަށުން ކަމަށެވެ. ނަމަވެސް މިހާތަނަށް ހަވީރު ނޫސް އެޖެންސީގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ އަނެއް ތިން ބޭފުޅުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ކަމަށް ވެސް ދައުވާ ހުށަހަޅުއްވަމުން ވަކީލު ވިދާޅުވި އެވެ.

އަބްދުﷲ ފާރޫގު ހަސަން އާއި އިބްރާހީމް ރަޝީދު މޫސާގެ ދައުވާގައި އެދިފައި ވަނީ އެއްބަސްވުން ގާއިމުކުރި ދުވަހުން ފެށިގެން މިހާތަނަށް ހަވީރު ނޫސް އެޖެންސީ އަށް ލިބުނު އާމްދަނީ އާއި މުދަލުން ކޮންމެ ބޭފުޅަށް ހަތަރު ބައިކުޅަ އެއް ބައި ނަގައި ދިނުމަށެވެ.

ދައުވާ ހުށަހެޅުމަށް ފަހު ރިޒާ ވަނީ އެ ހަތަރު ބޭފުޅުންގެ މެދުގައި ވެފައިވާ އެއްބަސްވުން ވެސް ޝަރީއަތަށް ހުށަހަޅާފަ އެވެ.

ދައުވާ ހުށަހެޅުމަށް ފަހު ރިޒާ ވަނީ ހަވީރު ނޫސް އެޖެންސީގެ ދަށުން ކުރާ ވިޔަފާރިތައް ވިއްކުން ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އެފަދަ ވަގުތީ އަމުރަކަށް އެދެންޖެހުނީ ހަވީރު ނޫސް އެޖެންސީއާއި އެތަނުގެ ދަށުން ހިންގާ އެންމެހައި ވިޔަފާރި ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް މީޑިއާގައި ފެތުރެމުންދާތީ އެއީ މުއައްސިސުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެ ކަމަކަށް ވާތީ ކަމަށް ރިޒާ ވިދާޅުވި އެވެ.

ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީވުމަށް ދެ ހަފުތާގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ އަބްދުﷲ ފާރޫގު ހަސަން އާއި އިބްރާހީމް ރަޝީދު މޫސާ ވެސް ދައުވާގައި އެދިވަޑައިގެންފައި ވަނީ ހަވީރުގެ ފައިދާ އާއި މުދަލުން ހިއްސާވާ މިންވަރެއް ނަގައިދިނުމަށް ކަމަށްވާ އިރު އެތަން ވިއްކާލުމަކުން އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންކަމުން ވަގުތީ އަމުރު ނެރެންޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް ވެސް ސުއޫދު ވަނީ އެދިވަޑައިގެންފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ވަގުތީ އަމުރާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު