ޑީއާރްޕީ ކޯލިޝަނަށް އުމަރު މަރުހަބާ ކިޔައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރަން ނިންމައި ޑީއާރްޕީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީއާ ކޯލިޝަން ހެދުމުން ޕީޕީއެމް އަދި ޑީއާރްޕީގެ ވެސް ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ މިހާރު މިދަނީ ފުޅާ ކޯލިޝަން އުފެދެމުން ކަމަށާއި އިތުރު ސިޔާސީ ޕާޓީތައް ކޯލިޝަންގެ ތެރެއަށް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުޅާކޯލިޝަން ހެދުމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީއާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުޅާކޯލިޝަންގެ މައްސައްކަތް ކުރެވެމުން ދަނީ. ވީހާ ވެސް ގިނަ ބަޔަކު ރައީސް ޑރ. ވަހީދުގެ ކޯލިޝަން ތެރެއަށް ވަނުމަކީ އަޅުގަނޑުމެން އެދޭގޮތަކީ. އެހެންވީމާ ޑީއާރްޕީން ކޯލިޝަންތެރެ އަށް ވަނުމަކީ އަޅުގަނޑުމެން މަރުހަބާ ކިޔާ ކަމެއް. އަދި އެހެން ޕާޓީތައް ވެސް ގެނެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެހެންވީމާ ފުޅާ ކޯލިޝަން އިރާދަކުރެއްވިއްޔާ އުފެދެމުން އެ އަންނަނީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޑީއާރްޕީން ރައީސް ވަހީދާ އެކު ކޯލިޝަން ހެދުމުން އޭނާ އެކަމާ ނުރުހޭކަށް ބުނެ ބައެއް މީޑިއާތަކުގައި ޚަބަރުފަތުރާފައިވާ ކަމަށާއި ނަމަވެސް އެއީ ހަގީތަކެއް ނޫންކަމަށެވެ.

"ވަކިބަޔަކު އައިސްގެން ހިތްހަމަނުޖެހޭ ކަމަށް ދޭހަވާ ގޮތަށް ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ހުރި ހުރުން އެއީ ގޯހެއް. ތަސްމީނަށް ރަނިންމޭޓްކަން ދެންޏާ އެކަމާ އަޅުގަނޑުގެ ސަޕޯޓަރުންނާ މަޝްވަރާ ކުރަން ޖެހޭނެއޭ ހަމައެކަނި އަޅުގަނޑު ބުނީ. އެނގިވަޑައިގަންނަވާނެ ފަދައިން ތަސްމީންގެ އަމަލުތައް ހުރި ގޮތް އެއީ އަޅުގަނޑާއި އަޅުގަނޑުގެ ސަޕޯޓަރުންނަށް އޮޅިފައި އޮތްކަމެއް ނޫން. އެހެންވީމާ އަޅުގަނޑު ޖެހޭނެ ސަޕޯޓަރުންނާ މަޝްވަރާ ކުރަން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބްދުﷲ ޔާމީން ހުންނެވިހާ ހިނދަކު ޕީޕީއެމްއާ ކޯލިޝަން ހަދާނެ އެއްވެސް ސިޔާސީ ޕާޓީއެއް ނުވާނެ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުން އެމްޑީޕީއާ ކޯލިޝަން ނަހަދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު