ވޭތުވެ ދިޔަ ތިން މަހު ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ 555.7 މިލިއަން ރުފިޔާ އިތުރަށް ހަރަދުވެފައިވޭ: އެމްއެމްއޭ

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަށް ވުރެ ހަރަދުވި އަދަދު 555.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިގްތިސާދީ ހާލަތުގެ މައްޗަށް ބިނާކޮށް އެމްއެމްއޭ އިން ކޮންމެ މަހަކު ނެރޭ އިގްތިސާދީ ރިވިއުގެ ތެރެއިން އިއްޔެ ނެރެފައިވާ ރިވިއުގައި ބުނެފައި ވަނީ މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި 3018.7 މިލިއަން ރުފިޔާ ލިބުނު އިރު 3574.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް ދައުލަތުން ވަނީ 555.7 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފަ އެވެ.

މި އަހަރު ފާސްކޮށްފައިވާ ބަޖެޓަށް ބަލާ އިރު ދައުލަތަށް މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 12608.9 މިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ ޖުމްލަ ހަރަދާއި ނެޓް ލެންޑިންގްގެ ގޮތުގައި ލަފާކޮށްފައި ވަނީ 13973.0 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރު ބަޖެޓް ޑެފިސިޓް ވާނޭ ކަމަށް ލަފާކޮށްފައި ވަނީ 1364.1 މިލިއަން ރުފިޔާ އެވެ.

ރިވިއުގައި ބުނެފައި ވަނީ މަހުން މަހަށް އަދި އަހަރުން އަހަރަށް ބަލާ އިރު ވެސް މިދިޔަ މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ އިޤްތިސާދުގައިވާ ޖުމްލަ ފައިސާގެ އަދަދު (ބްރޯޑް މަނީ) އިތުރުވެފައިވާ ކަމަށެވެ. އަދި މާޗް މަހުގެ ނިޔަލަށް މަހުން މަހަށް އަދި އަހަރުން އަހަރަށް ބަލާ އިރު އޯޕަން މާކެޓް އޮޕަރޭޝަންގެ ދަށުން ހިންގި ރިވާސް ރީޕާޗޭސް މުއާމަލާތުގައި އިންވެސްޓްކުރި އަދަދު އިތުރުވެފައިވާ ކަމަށާއި އަދި މާޗް މަހުގެ ނިޔަލަށް މަހުން މަހަށް ބަލާއިރު ޓީ ބިލް ވިއްކާފައިވާ އަދަދު ދަށަށް ގޮސްފައިވީ ކަމަށެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު މި ޓީ ބިލް ވިއްކާފައިވާ އަދަދު އިތުރުވެފައިވާ ކަމަށް އެރިވިއުގައި ބުނެފައިވެ އެވެ.

"މަހުން މަހަށް އަދި އަހަރުން އަހަރަށް ބަލާ އިރު، 28 ދުވަހަށް، 91 ދުވަހަށް ވިއްކާފައިވާ ޓީ- ބިލްގެ އިންޓްރެސްޓް ރޭޓްތައް ވަނީ ފެބްރުއަރީ މަހު މައްޗަށް ގޮސްފަ އެވެ. މަހުން މަހަށް ބަލާއިރު، 182 ދުވަހަށް ވިއްކާފައިވާ ޓީ-ބިލްގެ އިންޓްރެސްޓް ރޭޓަށް ބަދަލެއް ނައިކަމުގައި ވިޔަސް، އަހަރުން އަހަރުން މީގެ އިންޓްރެސްޓް ރޭޓް ވަނީ މައްޗަށް ގޮސްފަ އެވެ." އެމްއެމްއޭގެ އިގްތިސާދީ ރިވިއުގައި ބުނެފައިވެ އެވެ.

އެމްއެމްއޭގެ ރިވިއުގައި ބުނެފައި ވަނީ މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ ޓްރޭޑް ޑެފިސިޓް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރުބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް އެކްސްޕޯޓްސް އިތުރުވެފައިވާ އިރު މިއަށް ވުރެ ބޮޑަށް އިމްޕޯޓްސް އިރުތުވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް މަހުން މަހަށް އަދި އަހަރުން އަހަރަށް ބަލާ އިރު ވަނީ ފާއިތުވި މާޗް މަހު ދަށަށް ގޮސްފައިވާ ކަމަށާއި މަހުން މަހަށް އަދި އަހަރުން އަހަރަށް ބަލާއިރު ރިޒާވުން އިމްޕޯޓް ކުރެވޭ މިންވަރު ވެސް މާޗް މަހުގެ ނިޔަލަށް ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ރިވިއުގައި ބުނެފައިވެ އެވެ. ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާ އިރު މި އަހަރު ކަރަންޓް އެކައުންޓްގެ ޑެފިސިޓް 690.7 މިލިއަން ޔޫއެސް ޑޮލަރަށް އިތުރުވާނޭ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ.

މިދިޔަ މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ އުފެއްދުން ތެރިކަމަށް ބަލާ އިރު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި އަދި މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު މި އަހަރުގެ މާޗް މަހުގެ ނިޔަލަށް މަސް އެކްސްޕޯޓްކޮށްފައިވާ އަދަދާއި އެއިން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިވިއުގައި ބުނެފައިވެ އެވެ. އަދި އަގުތަކަށް ބަލާ އިރު އަހަރުން އަހަރަށް ބަލާ އިރު މި އަހަރުގެ މާޗް މަހު މާލޭގެ އިންފްލޭޝަން ރޭޓް 4.6 އިންސައްތައަށް ދަށަށް ގޮސްފައިވާކަމަށް ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު