ނަޝީދު ބަލިކުރުމަށް ޔާމީނާ އެއް ޓީމަކަށް ވެސް އަރާނަން: އުމަރު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ޕީޕީއެމް ގޮސްފި ނަމަ ޔާމީންގެ ފަހަތަށް ގިނަ ބަޔަކު އެރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަކަށާއި ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ބަލިކުރަން ޖެހިއްޖެ ނަމަ ޔާމީނަށް ތާއީދު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ޔާމީންގެ ފަހަތަށް އެރުމަށް އޭނާ ވެސް ދެކޮޅު ހަދާ ކަމަށާއި ނަމަވެސް ރައީސް ނަޝީދު ބަލިކުރަން ޖެހިއްޖެއްޔާ ދެވަނަ ބުރުގައި ޔާމީނަށް ތާއީދުކުރައްވާނެ ކަމަށެވެ.

"ހަގީގަތުގައި ޔާމީންގެ ފަހަތަށް އެރުމަށް ވަރަށް ގިނަ ބޭބޭފުޅުން ދެކޮޅު ހައްދަވާ. އަޅުގަނޑު ވެސް އެކަމާ ދެކޮޅު ހަދަން، އެކަމަކު މުހައްމަދު ނަޝީދު ބަލިކުރުމަށް ޓަކައި އަރަންވެއްޖެއްޔާ އަރާނަން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ވެސް މިހާރު ވެސް އޭނާ ވަކާލާތު ކުރައްވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފުޅާ ކޯލިޝަނެއް ހެދުމަށް ކަމަށާއި ސަބަބަކީ ރައީސް ނަޝީދު އަނބުރާ ވެރިކަމަށް ވަޑައިގެންފި ނަމަ މިގައުމަށް އޮތް ނުރައްކާ ބުނެދޭން ނޭގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޕީއެމް ތިންވަނަ އަށް ގޮސްފި ނަމަ ރައީސް ނަޝީދު ބަލިކުރެއްވުމަށް ދެވަނަ ބުރުގައި ޕީޕީއެމް ފުޅާ ކޯލިޝަންގެ ތެރެއަށް ވަންނާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ނެހެދިއްޖެ ނަމަ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ސަބަބަކީ ފުރަތަމަ ބުރުގައި ކޯލިޝަން ނަހަދައިފި ނަމަ އެއްބަޔަކު އަނެއް ބަޔަކާ އަރާރުންވެ ބޭކާރު ފައިސާ ޚަރަދުކުރުން ނޫން ކަމަކަށް އެކަން ވެގެން ނުދާނެތީ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބު ތެރޭ އަޅުގަނޑު ގަސްތެއް ނުކުރަން ފުޅާ ކޯލިޝަނެއް ނުގެނެވިއްޖެއްޔާ އަޅުގަނޑުގެ ބައިވެރިވުން ބާއްވާކަށް ފުރަތަމަ ބުރުގައި. އެހެންނަމަވެސް ދެވަނަ ބުރުގައި އަޅުގަނޑުގެ ކޮންޓްރިބިއުޝަން ވެސް އަންނާނެ. އަޅުގަނޑު މަސައްކަތް ވެސް ކުރާނަން. ކޯލިޝަން ނުއުފެދިއްޖެއްޔާ ފުރަތަމަ ބުރުގައި އެއްވެސް ބޭފުޅަކަށް ތާއީދުކޮށްގެން މަސައްކަތް ކުރާކަށް އަޅުގަނޑު ގަސްތެއް ނުކުރަން. ސަބަބަކީ އޭރަށް އެއީ ޑިވައިޑެޑް އެއްޗެއް [ބައިބައިވާނެ ކަމެއް]. މުޅިން ޑިވައިޑްވެގެން [ބައިބައިވެގެން] އެއްބަޔަކު އަނެއްބަޔަކަށް ތަޅައި ހަމަ ބޭކާރު ލާރި ޚަރަދުކުރާ ބުރަކަށް ފުރަތަމަ ބުރު ވެގެން ދާނީ. އަޅުގަނޑު ގަސްތެއް ނުކުރަން އެއްވެސް ބޭފުޅަކަށް ތާއީދު ކުރާކަށް ފުރަތަމަ ބުރުން ކޯލިޝަން ގާއިމް ނުކުރެވިއްޖެއްޔާ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އަމިއްލަ އެދުންތައް ފަހަތަށް ޖައްސާލުމަށް ފަހު އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ނުކޮށްފި ނަމަ "މިފަހަރު މިގައުމު ބޮނޑި ބޯނެ" ކަމަށާއި މިފަހަރު މިގައުމު "ބޮނޑި ބޮއެފިއްޔާ" ދެން މިގައުމު ސަލާމަތްކުރަން އަންނާނެ މީހަކު ނުހުންނާނެ ކަމަށެވެ.

"އެ ބޭބޭފުޅުންގެ އަމިއްލަ އެދުންތައް އެބޭފުޅުންގެ އަމިއްލަ އެދުންތަކާ އެބަ ޖެހޭ ފަހަތަށް ޖައްސާލާފައި ގައުމު އެއީ ފުރަތަމަ އެތި ކަމަށް ބަލައިގެން ނުކުންނަން. އެހެން ނޫނިއްޔާ މިފަހަރު މި ގައުމު ބޮނޑި ބޯނެ. މިފަހަރު މިގައުމު ބޮނޑި ބޮއެފިއްޔާ ދެން މިގައުމު ސަލާމަތްކުރަން އަންނާނެ މީހަކު ނުވާނެ. ކުރީގައި އަޅުގަނޑުމެން އެންމެން ނުކުމެ މަރުދީގެން އަޅުގަނޑުމެން ޖަލަށް ގޮސްގެން އަޅުގަނޑުމެންގެ ގަޔަށް ކަރުނަގޭސް ޖެހިގެން އަޅުގަނޑުމެންނާ ދިމާލަށް ވަޅި ހިފައިގެން އައި މީހުން ބަލިކޮށްލާފައި އަޅުގަނޑުމެން މިހުރީ މުހައްމަދު ނަޝީދު ބާލާފައި. ދެން މުހައްމަދު ނަޝީދު ބާލާކަށް އެހެންބަޔަކު ނާންނާނެ. މިފަހަރު ވޯޓުން މުހައްމަދު ނަޝީދު މޮޅުވެއްޖެއްޔާ،" އުމަރު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިފައި އޮތުމާއި އެމަނިކުފާނު ޑެންމާކަށް ވަޑައިގެން އިސްލާމްދީނާ ގުޅޭގޮތުން ފާޑުފާޑު ވާހަކަތައް ދެއްކުމުގެ ފުރުސަތު ލިބިގެންދިޔައީ މިގައުމުގައި ގާނޫނު ނުހިނގާ ކަމުގެ މިސާލު ކަމަށާއި ދިވެހި ދައުލަތަކީ ގާނޫނު ތަންފީޒު ކުރާތަނެއް ނަމަ މިހާރު އެމަނިކުފާނު ހުންނަވާނީ ޖަލުގައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގާނޫނީ މުއައްސަސާތައް ފެއިލްވެފައި ހުރުމުގެ ނަތީޖާ މުހައްމަދު ނަޝީދަށް ދެވުނުކަން ޑެންމާކަށް އެ ވާހަކަ ދައްކަން. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ އަށް ކުރިމަތިލެވޭކަން އެއީ އަޅުގަނޑުމެންގެ ތެރޭގައި ގާނޫނު ނުހިނގާ ކަމުގެ މިސާލެއް އެއީ. މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާގެ އަތަށް މިގައުމުގެ ތަޅުދަނޑިއާއި ސިފައިންގެ ބަޑިގުދަނުގެ ތަޅުދަނޑިއާ ހުރިހާއެއްޗެއް ދީފައި އަޅުގަނޑުމެން ނުކުމެ މުހައްމަދު ނަޝީދު ބަލިކުރީ. ބަލިކޮށްފައި އަޅުގަނޑުމެން މުހައްމަދު ނަޝީދު ހަވާލުކުރީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ އޭނާގެ މައްޗަށް ގާނޫނީގޮތުން ހުކުމެއް އިއްވަން. އޭނާ ކޮށްފައި ހުރި ބައިވަރު މައްސަލަތަކުގައި ބައެއް މިނިސްޓަރުން އެބަވިދާޅުވޭ ޖަލުތަކުގެ ތޭރިތަކުގައި ބައިންދާނަމޭ ދިގު މުއްދަތަކަށް. ހަގީގަތަކީ ދެ އަހަރު ވީރު ވެސް މުހައްމަދު ނަޝީދުގެ މައްޗަކަށް ގާނޫނު ނުހިންގުނު. އެހެންވީމަ ދައުލަތުގެ ވަރަށް ބޮޑު ފެއިލިޔާއެއް މި ފެއިލިޔާ އަކީ. އަޅުގަނޑުމެންގެ ދައުލަތް ވާން ޖެހޭ ގާނޫނު ތަންފީޒު ކުރާ ދައުލަތަކަށް ވާން. ގާނޫނު ތަންފީޒު ކުރާ ދައުލަތެއް ނަމަ މުހައްމަދު ނަޝީދު މިހާރު ހުންނާނީ ޖަލުގައި. މުހައްމަދު ނަޝިދު މިހާރު ހުންނާނީ ޑެންމާކަކު ނޫން،" އުމަރު ވިދާޅުވި އެވެ.

ރޭގެ ޕްރޮގްރާމްގައި އުމަރު ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ލީޑާޝިޕް ފެއިލްވެފައިވާ ކަމަށް ވެސް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ.

އުމަރު ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ހިތްވަރާއި ފަންވަރު ހުރިނަމަ ރައީސް ނަޝީދާއި އަދި މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީއާއި ގދ. ތިނަދޫގައި ހުރި ސަރުކާރުގެ އިމާރާތަތަކުގައި ހުޅުޖެހެހި މީހުން މިހާރު ތިބޭނީ ޖަލުގައި ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއުޅެނީ ލިޑާޝިޕް ފެއިލްވެގެން އަޅުގަނޑުމެންގެ ތެރޭގައި. އަޅުގަނޑުމެންގެ މުއައްސަސާތަކުގެ ތެރޭގައި ތިއްބަވާ ބޭފުޅުންގެ ލިޑާޝިޕް. އަޅުގަނޑުމެންގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ލީޑާޝިޕް. އެބޭބޭފުޅުންގެ ގައިގައި ހިތްވަރާއި ފަންވަރާއި އެކަންކަން ނެރުމުގެ އަޒުމް ނެތީ އެބޭބޭފުޅުންގައިގައި. އެ އަޒުމް ހުރި ނަމަ މީނާގެ މައްޗަށް ހުކުމް އައިސް. ކޮބައިތޯ މީނާ ކުރި ކުށްތައް 8 ފެބްރުއަރީގައި ރޯކުރި ހުރިހާ ތަންތަން ކޮބައިތޯ. އަބްދުﷲ ގާޒީ ހައްޔަރު ކުރި ކުރުން ކޮބައިތޯ. ކިތައް ކުށްތޯ ކުރީ. މުލިއާގެ ތެރެއިން ނެރުނު ހުރިހާ ބަނގުރާ ތައް ކޮބައިތޯ. ކިތައް ކުށްތޯ ކުރީ. އެކަމަކު އެންމެ ކުށަކަށް ވެސް އަޅުގަނޑުމެންނަށް އަދަބެއް ދެވުނުތޯ. މީނާގެ މައްޗަށް ނުވަތަ މީނާގެ ކައިރީގައި ތިބި އައުވާނުންގެ ބައިގަނޑުގެ މައްޗަށް އެއްވެސް ހުކުމެއް އިއްވުނުތޯ،" އުމަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު