އުމަރު ޕީޕީއެމް އިން ވަކިކުރި މައްސަލަ ކޯޓަށް ވައްދައިފި

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އެ ޕާޓީން ވަކިކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އޭނާ އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަޙަޅުއްވައިފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރުގެ ކެމްޕޭން މެނޭޖަރުގެ ގޮތުގައި ވެސް ހަރަކާތްތެރިވި އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ މިއަދު އެ މައްސަލަ ހުށަހަޅަން ޖެހުނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އުމަރު ޕާޓީން ވަކިކުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ތެރޭގައި ހިތްހަމަނުޖެހޭ ކަމެއް ހުރެގެން އެކަމެއް ފާޅުކުރާ މީހަކު ޕާޓީން ވަކިކުރުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށެވެ.

ޕްރައިމަރީގައި ވޯޓު އޮޅުވާލި މައްސަލަ އެ ޕާޓީގެ އާންމު މެންބަރަކު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ޕްރައިމަރީގައި މަކަރު ހެދިކަމަށް އުމަރު ދެއްކި ވާހަކައަކާ ގުޅިގެން އޭނާ ޕާޓީން ވަކިކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އުމަރާއި އޭނާގެ ސަޕޯޓަރުންގެ ހައްގުތައް ގެއްލި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި މައްސަލަ ޖެހިގެން އުޅެނީ "3000 މީހުން ހަމަނުވާ ޕީއޭ ކިޔާ ޖަމާއަތަކުން" ކޮރަޕްޓް ބަޔަކު އެޕާޓީއާ ގުޅުމުން ކަމަށެވެ. އަދި ވިދާޅުވީ "ޕީއޭ ކިޔާ ޖަމާއަތުން" އައިސްގެން އުޅޭ މީހުން މަސައްކަތް ކުރަނީ މުޅި ޕާޓީ ހިސޯރު ކުރުމަށް ކަމަށާއި އެ މީހުންގެ ސަބަބުން ޕާޓީގެ އުސޫލުތައް ނެތިގެންގޮސް ޕާޓީ ދާންބޭނުންވާ މަންޒިލަށް ދިޔުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ޕީޕީއެމްގެ ގިނަ މެންބަރުން ތިބީ އުމަރުގެ ފަހަތުގައި ކަމަށާއި އުމަރެކޭ އެއްފަދައިން ޕްރައިމަރީގައި ވޯޓު އޮޅުވާލައި މަކަރާއި ހީލަތް ހެދިކަމަށް އެ މެންބަރުން ވެސް ބުނަމުން ގެންދާކަމަށް ސަލީމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު