މައުމޫން ރައީސް ވަހީދާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިރޭ ބައްދަލުކުރައްވައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ރައީސް މައުމޫނާ ބައްދަލު ކުރެއްވީ މައުމޫންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. މިއީ ޕީޕީއެމްގެ ޕްރައިމަރީ އަށް ފަހު މި ދެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރުކަން ވެސް ސަން އަށް އެނގިފައި ވެއެވެ.

ރައީސް މައުމޫން ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދާ ބައްދަލުކުރައްވާފައިވާއިރު މިދުވަސްވަރު ސިޔާސީ މަސްރަހުގައި އެންމެ ހޫނުކޮށް ދެކެވެމުންދާ ވާހަކައަކީ ރިޔާސީ އިންތިޚާބުގައި ފުޅާ ކޯލިޝަނެއް ހެދުމުގެ ވާހަކައެވެ. އެ ބައްދަލުވުމަކީ އެކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމެއް އޮފިޝަލް ކަށަވަރުކޮށެއް ނުދެއްވަ އެވެ.

ރައީސް މައުމޫން ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދާ ބައްދަލުކުރައްވާފައި ވަނީ ކޮން ވަގުތަކު ކޮންތާކު ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ކުރީގެ ނާއިބް ރައީސް އުމަރު ނަސީރު އާއި ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ރައީސް ޑރ. ވަހީދާއި ބައްދަލުކުރައްވާފަ އެވެ.

އުމަރާއި ގާސިމް ވެސް ވިދާޅުވެފައި ވަނީ އެ ބައްދަލުކުރެއްވުމަކީ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާ ބެހޭގޮތުން ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު