ޖީއެމްއާރާ އެކު ޑީއާރުޕީން އޭރު ޑީލް ހެދި ކަމަށް ބުނި ވާހަކަ މިހާރު އެނގި ސާފުވެއްޖެ: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީ އަށް ސޮއިކުރެއްވުމުން ޑީއާރްޕީގެ ނާއިބް ލީޑަރު ކަމުގައި ހުންނަވައި އޭނާ އެ ޕާޓީގެ ލިޑާޝިޕާ ބެހޭ ގޮތުން ދެއްކި ވާހަކަތައް ކަށަވަރުވެގެން ހިނގައްޖެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރުގެ ޖަގަހަ ކުރިމަތީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޑީއާރްޕީގެ ލިޑާޝިޕުގައި ތިއްބެވި ބޭފުޅުން އެމްޑީޕީއާ އެކު "ސިއްރުން ޑީލް" ހައްދަވާ ވާހަކަ ކުރިން އޭނާ ދައްކަވާފައި ވަނީ ޑީއާރްޕީއާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ފަހު ކަމަށެވެ.

އުމަރު ވިދާޅުވީ އެދުވަހު އެވާހަކަ ދެއްކެވުމުން އޭނާ އަކީ ޕާޓީ ބައިބައިކުރަން މަސައްކަތް ކުރި މީހެއްކަމަށް ބުނަމުން ގެންދިޔަ ކަމަށާއި ނަމަވެސް އަބްދުﷲ ޝާހިދު އެމްޑީޕީ އަށް ސޮއިކުރެއްވުމުން އޭނާ ދެއްކީ ތެދުވާހަކަތަކެއްކަން ކަށަވަރުވެފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ދާދިފަހުން ރޭގައި ތިޔަ ބޭފުޅުންނަށް ފެނުނު މަންޒަރުން އަޅުގަނޑު މިދަންނަވާ ވާހަކަ ވަރަށް ރަނގަޅަށް ސިފަ ވެގެން ދާނެ. އަޅުގަނޑު ޑީއާރްޕީއާ ގުޅިފައި ޑީއާރްޕީގެ ތެރޭގައި ހުރެފައި ޑީއާރްޕީއާ އެކު ވަރަށް ގިނަ މަސައްކަތް ކޮށްފައި އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދެންނެވިން ޑީއާރްޕީގެ ލިޑާޝިޕްގައި ތިއްބެވި މީހުން ގެންދަނީ ސިއްރުން އެމްޑީޕީއާ ގުޅުން ހިންގަމުންނޭ. އެދުވަހު އަޅުގަނޑާ ދިމާލަށް އައި ތުހުމަތަކީ އުމަރު ނަސީރަކީ ޑީއާރްޕީ ބައިބައި ކުރާ ޑީއާރްޕީ ފަނިކުރާ މީހާއޭ. އެއްވެސް ގުޅުމެއް އެމްޑީޕީއާ އެކު ޑީއާރްޕީގެ ލީޑާޝިޕްގައި ތިބި މީހުންގެ ނެތޭ. އެއީ އެ ދުވަހު ދެކެވުނު ވާހަކައަކީ. މީގެ ދެ އަހަރު ކުރިއަށް ބައްލަވާ ޓީވީތަކަށް އަރާ ކީކޭތޯކީ އުމަރު ނަސީރާ ބެހޭ ގޮތުން. އުމަރު ނަސީރާ ބެހޭ ގޮތުން ކީ ވާހަކައަކީ ޑީއާރްޕީ ބައިބައި ކުރާ ޑީއާރްޕީގެ ލީޑާޝިޕަށް ބޭކާރު ތުހުމަތުގެ އިނގިލި ދިއްކުރާ މީހެއްކަމުގެ ލަނގަބު އަޅުގަނޑުގެ ކޮނޑުގަ އަޅުވާފަ ހުރީ. ނަމަވެސް އަޅުގަނޑު އިއްވީ ހައްގުގެ ބަސްކަން ރޭގައި ތިބޭފުޅުންނަށް އޮންނާނީ ރަނގަޅަށް ސާފުކޮށްފައި،" އުމަރު ވިދާޅުވި އެވެ.

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް ޖީއެމްއާރަށް ދިނުމުގައި ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިއުދިއްލީ އަށް ވަޑައިގެން ޖީއެމްއާރާއި ސިއްރުން ބައްދަލު ކުރެއްވި ވާހަކަ ދެއްކުމުން އެއީ ޑީއާރްޕީގެ އެތެރޭގެ މަސްލަހަތު ނަގާލުމަށް ދެއްކި ވާހަކައެއް ކަމަށް ބުނަމުން ގެންދިޔަ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ވާހަކަތައް އޭރު ދޮގުކުރަން ފެށުމުން ތަސްމީނާއި ޝާހިދު ނިއުދިއްލީ އަށް ދަތުރުކުރުމަށް ޓަކައި ނަންގަވާފައިވާ ޓިކެޓްގެ ކޮޕީއެއް ހިފައިންގެ ސްލީންކާ އަށް ވަޑައިގެން ސްލީރަންކަން އެއާލައިންގެ ތައްގަނޑު ޖަހައިގެން ގެނެސް ދެއްކުމުން ވެސް އެވާހަކަ ގަބޫލު ނުކުރި ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރުތަކުން ޖީއެމްއާރާ އެކު ސިއްރުން ޑީލްހެދިކަމާއި އަދި ހަދާފައި ވަނީ ކޮން ޑީލެއްކަން ސާފުވެފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދެންނެވިން އަޅުގަނޑުމެންގެ އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމުގައި އޭރުގައި ޑީއާރްޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ސިއްރުން ނިއުދިއްލީ އަށް ދަތުރުކުރައްވައި އެ މީހުންނާ ސިއްރުން ބައްދަލުކުރެއްވި ވާހަކަ. އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދެއްކިން އަބްދުﷲ ޝާހިދު އާ އަޅުގަނޑުގެ އަޚު ތަސްމީން އަލީއާ މިދެބޭފުޅުން ނިއުދިއްލީ އަށް ވަޑައިގަތުމަށް ޓަކައި ނަންގަވާފައިވާ ޓިކެޓްގެ ކޮޕީއެއް. އަޅުގަނޑު އެ ޓިކެޓްގެ ކޮޕީ ސައްޚަ ކުރުމަށް ޓަކައި ސްރީލަންކާ އަށް ދަތުރުކޮށް ސްރީލަންކަން އެއާ ލައިންސަށް ގޮސް ޑޮކިއުމެންޓެއްގައި ތައްގަނޑު ޖައްސަވައިގެން ގެނައިން މި ޓިކެޓަކީ ސައްޚަ ޓިކެޓެއް ކަމަށް ބުނެދޭން. އެކަމަކު އެދުވަހު ބައެއް ބޭފުޅުން ހީފުޅުކުރެއްވި އަޅުގަނޑު އެކަން ކުރަނީ ޑީއާރްޕީގެ އެތެރޭގެ މަސްލަހަތު ނަގާލަންށޭ. ނޫން. މިއަދު އޮތީ އެނގި ރަނގަޅަށް ސާފުވެފައި ކޮންބައެއްކަން ޖީއެމްއާރާ އެކު ޑީލްހެދީ. ކޮންކަހަލަ ޑީލްތަކެއް ކަން ހެދީ،" ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއާ ބެހޭ ގޮތުން އޭނާ ދައްކަވަނީ ހަގީގަތް ކަމަށް ހާމަކޮށްދެއްވުމުގެ ގޮތުން ވިދާޅުވި އެވެ.

އުމަރު ނަސީރު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި މަޖިލީހުގެ ރައީސާ ބެހޭ ގޮތުން ދައްކަވާ އެ ވާހަކަތައް އެ ބޭފުޅުން ކުރިން ވަނީ ދޮގުކުރައްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު