15 ކްލަބަކާ އެކު އެފްއޭ ކަޕްގެ ފުރަތަމަ ބުރު ފަށަނީ

މިއަހަރުގެ އެފްއޭ ކަޕްގެ ފުރަތަމަ ބުރު 15 ކުލަބަކާއެކު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފެށުމަށް އެފްއޭއެމްއިން ހަމަޖައްސައިފިއެވެ.

ތިންވަނަ ޑިވިޝަންގެ 13 ކުލަބަކާއި ދެވަނަ ޑިވިޝަންގެ ދެކުލަބު ހިމެނިގެން "ނޮކް-އައުޓް" އުސޫލުން ކުޅެވޭ އެފްއޭ ކަޕްގެ ފުރަތަމަ ބުރު ފަށާ މެޗުގައި ވާދަކުރާނީ ބިލެއްދޫ ޔޫތު ޖެނެރޭޝަންއާއި ސެންޓް ސްޕޯޓްސް ކުލަބެވެ. އަދި އެމެޗުން މޮޅުވާ ކުލަބެއް ވާދަކުރަން ޖެހޭނީ ސެކަންޑު ޑިވިޝަނުން ބައިވެރިވި ދެކުލަބު ކަމަށްވާ ރިވަސައިޑާއި ކުލަބް ޒެފްރޯލްގެ ތެރެއިން ސީޑް ކުރުމަށް ނެގި ގުރުއަތު ދިމާވެގެން ސީޑުކޮށްފައިވާ ރިވަސައިޑާއެވެ.

ސެންޓު ސްޕޯޓްސްއާއި ބިލެއްދޫ ޔޫތު ޖެނެރޭޝަންގެ އިތުރުން ފުރަތަމަ ނޮކްއައުޓް ބުރުގައި ވާދަކުރާނީ، ފިޔޯރީ ސްޕޯޓްސް ކުލަބާއި ކުލަބު އަމިގޯސް، ފަލްކަން ސްޕޯޓްސް ކުލަބާއި ނަޒާކީ ސްޕޯޓްސް، ސްޕޯޓްސް ކުލަބް ވެލޯޒިޔާއާއި ޔޫތު ރިވޮލިއުޝަން ކުލަބް، ލެގޫންސް ސްޕޯޓްސް ކުލަބާއި މުއިވެޔޮ ފްރެންޑްސް ކުލަބު، އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއަނެސް އާއި ޓީސީ ސްޕޯޓްސް އަދި ކުލަބް ޒެފްރޯލް އާއި ނޮޅިވަރަމްފަރު ޔޫތު ޑިވެލޮޕްމަންޓްއެވެ.

މުބާރާތުގެ ފުރަތަމަ ހަތްމެޗު ނިމުމުން ދެން އިތުރަށް ހުރި މެޗުތައް ކުރިއަށްދާނީ، އަށްވަނަ މެޗުގައި ރިވަސައިޑާއި ފުރަތަމަ މެޗުން މޮޅުވާޓީމެއް، ނުވަވަނަ މެޗުގައި ދެވަނަ މެޗާއި ތިންވަނަ މެޗުން މޮޅުވާ ޓީމެއް، ދިހަވަނަ މެޗުގައި ހަތަރެއް އަދި ފަސްވަނަ މެޗުން މޮޅުވާ ޓީމެއް، 11 ވަނަ މެޗުގައި ހައެއް އަދި ހަތްވަނަ މެޗުން މޮޅުވާ ކުލަބު ބައްދަލުކުރާ ގޮތަށެވެ. އަށްވަނަ މެޗާއި ނުވަވަނަ މެޗުން މޮޅުވާ ދެޓީމު އަދި ދިވަހަނަ މެޗާއި އެގާރަ ވަނަ މެޗުން މޮޅުވާ ދެޓީމު ކުޅެ ނިމޭއިރު އެންމެ ފަހެ ދެމެޗުން މޮޅުވާ ދެޓީމެއް ދެވަނަބުރަށް ކޮލިފައިވާނެއެވެ.

މިއަހަރުގެ އެފްއޭކަޕްގެ ފުރަތަމަ ބުރުގެ ގުރު ނަގައި 25ގައި މުބާރާތް ފެށުމަށް ތައްޔާރުވެފައިވާއިރު އަދިވެސް މުބާރާތުގެ ޓައިޓްލް ސްޕޮންސާ ކުރާނޭ ފަރާތެއްވަނީ ހަމަ ނުޖެހިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު