އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރެއް ރާއްޖެ އަތުވެއްޖެ

އެކުވަރިކަމާއި ރަހްމަތްތެރިކަން ބަދަހިކުރުމުގެ ދަތުރެއްގައި އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިކަމާ ގުޅިގެން އިންޑިއަން ހައިކޮމިޝަނުން މިއަދު ނެރެފައިވާ ޕްރެސް ރިލީޒެއްގައި ބުނެފައިވާ ގޮތުން، އިންޑިއަން ނޭވަލްޝިޕް ސުޖާތާ އާއި ، އިންޑިއަން ކޯސްޓުގާޑު ޝިޕް ވަރޫނާ، މިއަދުންފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރާ އެ ދަތުރުގައި އެ މުއައްސަސާގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި ވައިސް އެޑްމިރަލް ސަތިޝް ސޯނީ ހިމެނި ވަޑައިގަންނަވައެވެ. އަދި ސަތިޝް ސޯނީގެ ޒިޔާރަތުގައި ރާއްޖޭގެ ދިފާއީ ވަޒީރު މުހައްމަދު ނާޒިމްއާ ބައްދަލު ކުރެއްވުމުގެ އިތުރުން އެމްއެންޑީއެފްގެ ތަމްރީނުދޭ އެކިއެކި މަރުކަޒުތަކަށް ޒިޔާރާތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ދެގައުމުގެ ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިންޑިޔާގެ ދެ މަނަވަރު ރާއްޖެއަށް ކުރާ އެ ޒިޔާރަތުގައި ބައިވެރިވެފައިވަނީ އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓުގެ ކޮއްޗޭގައި ހަދާފައިވާ ސަދަން ނޭވަލް ކޮމާންޑު ސެންޓަރު ކަނޑުގެ ސިފައިންނާއި އަލަށް ގުޅުނު ޓްރެއިނިންގް ސްކުއަޑް އެވެ. އަދި އެ ދަތުރުގެ މައިގަނޑު މަގުސަދަކީ ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަމާއި ރަހްމަތްތެރި ކަމުގެ ގުޅުން ބަދަހި ކުރުމަށް ކަމަށް ވެއެވެ.

އިންޑިޔާގެ ކަނޑުގެ ސިފައިން ރާއްޖެއަށް ކުރާ ޒިޔާރަތުގައި އެމްއެންޑީއެފްއަށް ގިނަ އަދަދެއްގެ "ޖިމް އިކްއިޕްމަންޓް" ހަދިޔާ ކުރުމަށް ނިންމާފައިވާ އިރު އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރަށް ބޭނުންވާނޭ އެކިއެކި "ސްޕެއާޕާޓްސް" ވެސް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު މި މަހުގެ 9 އަދި 10 ވަނަ ދުވަހުގެ ހެނދުނު 9:00ން ހަވީރު4:00އަށް އާންމު ފަރާތްތަކާއި ސްކޫލް ކުދިންނަށް މަނަވަރުތަކަށް ޒިޔާރަތްކޮށް ބަލާލުމުގެ ފުރުސަތު ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު