މައާފަށް އެދޭން ޖެހޭ ވަރުގެ ކަމެއް އުމަރު ނަސީރު ކުރެއްވިކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި އުމަރު ނަސީރުގެ ކެންޕޭން މެނޭޖަރުގެ ގޮތުގައި ހަރަކާތްތެރިވި އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.
އަންނަ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން މައާފަށް އެދުމަށް ޕީޕީއެމްގެ ކައުންސިލުން ފާސްކޮށް އުމަރަށް އަންގައިފައިވާ އެންގުމާ ގުޅޭގޮތުން މާޒް ސަލީމް ވިދާޅުވީ މައާފަށް އެދޭން ޖެހޭނީ "ނަހަމަ ގޮތުގައި ވޯޓު ފޮށްޓަށް ވަގަށް ވޯޓު އެޅި މީހުން" ކަމަށެވެ.
އޭނާ ވިދާޅުވީ މައާފަށް އެދޭން ޖެހޭ ވަރުގެ ކަމެއް އުމަރު ކުރެއްވިކަމަށް ގަބޫލެއް ނުކުރެވޭ ކަމަށާއި މައާފަށް އެދޭން ޖެހޭނީ ނަހަމަ ގޮތުގައި ވޯޓު ފޮއްޓަށް ވަގަށް ވޯޓު އެޅި މީހުންނާއި އެކަން ރޭވި މީހުންކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.
ކޮންމެ ކަމެއް ވެސް ކުރާން ޖެހޭނީ އަދުލާއި އިންސާފުގެ ތެރެއިން ކަމަށާއި އުމަރު ނަސީރަކީ އަބަދުވެސް އަދުލުއިންސާފުގެ ތެރެއިން ކަންތައް ކުރުމަށް ބާރު އަޅުއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންތިހާބުގެ ތެރޭގައި ހިނގާފައިވާ އޮޅުވާލުމުގެ މައްސަލަތައް ޕާޓީގެ މައްސަލަ ބަލާ ކޮމެޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
މައާފަށް އެދުމަށް އުމަރު ނަސީރަށް އަންގާފައި ވަނީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ގުޅޭ ގޮތުން ދޮގު ވާހަކަތެއް ދައްކައި އަދި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަންތައްތަކެއް އުމަރު ކުރައްވާފައިވާ ކަމަށް ބުނެ އެވެ.