ފާއިތުވި އަހަރު އާމްދަނީގެ ގޮތުގައި 478،105.05ރ. ލިބިފައިވާކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.
ސިވިލް ކޯޓުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މުވައްޒަފުންގެ ގަޑީލާރި އާއި ޖޫރިމަނާގެ ގޮތުގައި 113,024.44ރ. އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު ހޮވައިގެން ގެނެވޭތަކެތި އަހަރުވުމުން ނީލަން ކިޔައިގެން 90,310.77ރ. އެ ކޯޓަށް ލިބިފައިވެއެވެ.
އަހަރި ރިޕޯޓުގައިވާ ގޮތުން ދަރަންޏާއި ގަޒިއްޔާތަކާ ގުޅޭ ޖޫރިމަނާ ފައިސާގެ ގޮތުގައި 900ރ. ލިބިފައިވާއިރު އެހެނިހެން ޖޫރިމަނާގެ ފައިސާގެ ގޮތުގައި 33,145.00ރ. ލިބިފައިވެއެވެ.
ކޯޓު ފީގެ ގޮތުގައި 50,125.00ރ. ލިބިފައިވާއިރު މައްސަލަތައް ރަޖިސްޓްރީ ކޮށްގެން 87,000.00ރ. ސިވިލް ކޯޓަށް ލިބިފައިވާ ކަމަށް ވެސް އަހަރީ ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި ޝަރުއީ ލިޔުންތައް ފޮޓޯ ކޮޕީ ހަދައިގެން 99,383.00ރ. ލިބިފައިވާއިރު ވަކިފައިސާއެއް ކަން ނޭނގި 533.50ރ. އިތުރަށް ލިބިފައިވާ ކަމަށް ވެސް އަހަރީ ރިޕޯޓުގައި ބުނެފައި ވެއެވެ.
އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 478،105.05ރ. ސިވިލް ކޯޓަށް ލިބުނު ނަމަވެސް އޭގެ ކުރީ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 267,431ރ. އެވެ. އެހެންކަމުން 2011 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 78.78 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.