ޑޮލަރުގެ އަގު 12 ރުފިޔާ އަށް ތިރިކުރާނަން: ގާސިމް

ރާއްޖޭގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާތާ ތިން އަހަރު ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 12 ރުފިޔާ އަށް ތިރިކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ފ. ނިލަންދޫގައި ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަނުންނެވެ.

ގާސިމް ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ޑޮލަރުގެ ރޭޓު ކަމަށްވާ، ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓަކީ އޭނާގެ ސަރުކާރަކުުން ބޭނުންވާ ރޭޓެއް ނޫންކަމަށާއި އޭނާ ބޭނުން ވަނީ ދަށްކުރެވެން އޮތް އެންމެ ކުޑަ އަދަދަކަށް ޑޮލަރުގެ އަގު ދަށް ކުރަން ކަމަށެވެ. އެގޮތުން ރައީސްކަމާ ހަވާލުވެވަޑައިގަންނަވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑޮލަރުގެ ރޭޓް 12.85 ރުފިޔާ އަށް ނޫން ނަމަ 12 ރުފިޔާ އަށް ޑޮލަރުގެ އަގު ތިރިކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"[ޑޮލަރުގެ އަގު] އަޅުގަނޑުމެންނަށް ދަށްކުރެވޭނެ ދެ އަހަރު ނުވަތަ ތިން އަހަރު ދުވަހުގެ ތެރޭގައި. އެއީ 12.82 އަށް ނޫންނަމަ 12 ރުފިޔާ އަށް،" ގާސިމް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓް ދަރަނި ކުޑަކުރުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ނަގަމުން ދަނީ ބޭންކުތަކުން ކަމަށާއި އޭގެ ސަބަބުން ރިސޯޓުތަކާއި ގެސްޓްހައުސް ފަދަ ތަންތަން ހަދާނެ ފައިސާއެއް ބޭންކުގައި ނުހުންނަ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރާއްޖެ އަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނައުމަށް ޓަކައި އެކަންކަން ހައްލު ކުރަން ޖެހޭ ކަމަށާއި އެކަން ހައްލު ކުރުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތު ރައްޔިތުންނާ ހަމައަށް ފަހުން ހިއްސާ ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 28 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށާއި އެފައިސާ ދެއްކުމަށް އެއް ބިލިއަނަށް ވުރެ ގިނަ ފައިސާ ހޯދަން ޖެހިފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ސަރުކާރުން ވިއްކާފައިވާ ޓީ ބިލްތަކުގެ އިންޓްރެސްޓަށް އެކަނި 100 މިލިއަން ޑޮލަރު އަރާފައިވާ ކަމަށާއި މިއީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެކަން ހައްލު ކުރުމަށްޓަކައި ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ފ. ނިލަންދު އަށް ކުރެއްވި ދަތުރުފުޅުގައި އަތޮޅު ކައުންސިލްގެ މެންބަރުންނާއި ނިލަންދޫ ކައުންސިލްގެ މެންބަރުންނާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު