އިންޓަނެޓަށް ދިން ހަމަލާތަކަކީ އެންމެ ވަރުގަދަ ޑީޑޮސް ހަމަލާ!

އިންޓަނެޓް މަޑުޖައްސާލުމަށް ރޭ ދިން ހަމަލާތަކަކަކީ މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ޑިސްޓްރިބިއުޓެޑް ޑެނިއަލް އޮފް ސާވިސް (ޑީޑޮސް) ހަމަލާތަކެއް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

އިންޓަނެޓްގައި ސްޕޭމްކުރުން ހުއްޓުވުމަށް މަސައްކަތްކުރާ ގުރޫޕެއް ކަމަށްވާ "ސްޕޭމްހޯސް"އާއި ހޮލެންޑުގެ ކުންފުންޏެއް ކަމަށްވާ ސައިބަބަންކާއާ ދެމެދު ހިންގި މައްސަލައަކަށް ފަހު ޑީޑޮސް ހަމަލާތައް ދީފައި ވަނީ ސައިބަބަންކާ އިން ކަމަށް އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން ބުނެ އެވެ.

ސްޕޭމްހޯސް އާއި ސައިބަބަންކާއާ ދެމެދު މައްސަލަ ޖެހުނީ، ސްޕޭމްހޯސްގެ ސްޕޭމް ބުލެކްލިސްޓަކަށް ވަގުތީ ގޮތުން ސައިބަބަންކާ އެރުވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

މިއާއެކު އިންޓަނެޓް ސެކިއުރިޓީގެ ހިދުމަތް ފޯރުކޮށްދޭ ސައިބަބަންކާ ބޭނުންކުރާ ފަރާތްތަކުން ވަނީ އިންޓަނެޓް މަޑުޖައްސާލުމަށް ޑީޑޮސް ހަމަލާތަކެއް ދޭން ފަށައިފަ އެވެ.

ޑެނިއަލް އޮފް ސާވިސް ހަމަލާ ނުވަތަ ޑީޑޮސް ހަމަލާތަކަކީ ވެބްސައިޓަކަށް ވަނުމަށް އެތައް ހާސް ރިކުއެސްޓެއް ފޮނުވަމުން ގޮސް، ވެބްސައިޓަށް ކެތްނުވާ ވަރު ވުމުން ވެބްސައިޓް އަމިއްލައަށް ޑައުންކޮށްލުމަށް އަމާޒުކޮށް ދޭ ހަމަލާތަކެކެވެ. މިފަދަ ހަމަލާތައް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރޭ ފެށުނު މިހަމަލާތަކުގައި އެއް ވަގުތެއްގައި ކޮމްޕިއުޓާ ނެޓްވޯކެއް ބޭނުންކޮށްގެން ސިކުންތަކު 300 ބިލިއަން ބިޓްސްގެ ރޭޓުން ޑީޑޮސް ހަމަލާތައް ދީފައިވާ ކަމަށެވެ.

މިހެން ކަމުން، މިއީ މިހާތަނަށް އިންޓަނެޓަށް އަމާޒުކޮށް ދެވުނު މިފަދަ އެންމެ ބޮޑު ހަމަލާ ކަމަށް އެމެރިކާގެ ނިއު ޔޯކް ޓައިމްސް އިން ބުނެ އެވެ.

މިހަމަލާ ވަރުގަދަވި އެއް ސަބަބަކީ "ޑޮމެއިން ނޭމް ސިސްޓަމް" އަށް އަމާޒުކުރުމުން ނެވެ. ޑޮމެއިން ނޭމް ސިސްޓަމަކީ އިންޓަނެޓްގެ ޓެލެފޯން ޑައިރެކްޓަރީ އެވެ. އަދި ވެބްސައިޓެއްގެ އެޑްރެސް ބުރައުޒާއެއްގައި ޖަހާ ކޮންމެ ފަހަރަކު ޑޮމެއިން ނޭމް ސިސްޓަމް ބޭނުން ކުރެވެ އެވެ.

ސްޕޭމްހޯސްއިން ބުނީ މިހަމަލާގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑެތި ނެޓްވޯކްތަކާއި އިންޓަނެޓް އެކްސްޗޭންޖު ޕޮއިންޓްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އިންޓަނެޓް ސެކިއުރިޓީގައި މަސައްކަތްކުރާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ކެސްޕާސްކީ ލެބްސްއިން ބުނީ މިއީ މިހާތަނަށް އެނގިފައިވާ އެންމެ ބޮޑު، އަދި ވަރުގަދަ ޑީޑޮސް ހަމަލާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު