ޓެނިސް ޗެމްޕިއަންޝިޕް:
މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެގެ ގިނަމެޗުތައް ކެންސަލް ކޮށްފި

ނޭޝަނަލް ޓެނިސް ސެންޓަރުގައި ކުރިއަށްގެންދާ 19 ވަނަ އެސޯސިއޭޝަން ޓެނިސް ޗެމްޕިއަން ޝިޕުގައި އިއްޔެ ކުޅުމަށް ހަމަޖައްސާފައިވާ ގިނަ މެޗުތައް މޫސުން ތަން ނުދިނުމުގެ ސަބަބުން ނުކުޅެ ކެންސަލް ކުރަން ޖެހިއްޖެ ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ބުނެފައިވަނީ އިއްޔެ ކުޅުމަށް ޝެޑިއުލް ކުރި ގިނަ މެޗުތައް ކެންސަލު ކުރަން ޖެހުނީ މާލެއަށް އިއްޔެ މޫސުން ގޯސްވުމާއި އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށެވެ. އަދި އިއްޔެ ކުރިއަށް ގެންދެވޭ ވަރުވީ އެންމެ ދެ މެޗު ކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އިއްޔެ ކުޅުނު ދެ މެޗުގެ ނަތީޖާއަށް ބަލާއިރު ދިހަ އަހަރު ދަށުގެ އުމުރުފުރައިގެ ފިރިހެން ޑަބަލްސްގައި ރާއިދާއި ޒަޔާން އަދި ކާއިން އާއި މާކިންގެ ޕެއާ ކުޅުނު މެޗު ހަތެއް ދޭކުން ކާމިޔާބުކުރީ ކާއިންއާއި މާކިންގެ ޕެއާއެވެ. ދެވަނަ މެޗުގައި 14 އަހަރުން ދަށުގެ ރާކިން ރިޒާއާއި ރާހިން ޝާމް ވާދަކުރި މެޗު ހައެއް އެކެއް، ހައެއް ދޭކުން ކާމިޔާބު ކުރީ ރާކިން އެވެ.

އެކި އުމުރު ފުރަޔަށް ބަހާލައިގެން ޓީއޭއެމް އިން ބާއްވާ މި މުބާރާތުގައި ޖުމުލަ 83 ކުޅުންތެރިއަކު ބައިވެރިވެފައިވާ އިރު އޭގެތެރޭގައި 54 ފިރިހެން ކުޅުންތެރިންނާއި 29 އަންހެން ކުޅުންތެރިއަކު ހިމެނެ އެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ މި މަހު 22 ވަނަދުވަހުން ފެށިގެން އަންނަ މަހު ހަވަނަ ދުވަހުގެ ނިޔަލަށް މާލޭ ނޭޝަނަލް ޓެނިސް ސެންޓަރުގައެވެ. މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު