އަޅުގަނޑު ހޮވައިފި ނަމަ ރިޔާސީ އިންތިހާބުގެ ކުރިން ޕީޕީއެމް އަށް 65000 މެމްބަރުން ހަމަކުރާނަން: ޔާމީން

ޕީޕީއެމް އިން މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ފަރާތަކަށް އަބްދުﷲ ޔާމީން ހޮވައިފި ނަމަ ރިޔާސީ އިންތިހާބުގެ ކުރިން ޕީޕީއެމްގެ މެމްބަރުންގެ އަދަދު 60000 އަށް ނުވަތަ 65000 އަށް އިތުރުކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިންތަކުގެ ތެރެއިން ޣިޔާސުއްދީން ސްކޫލުގައި ޔާމީންގެ ކެމްޕެއިން ޓީމުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމް އުފެދިގެން އައިއިރު ރައީސް މައުމޫންގެ އެދިވަޑައިގަތުމުގެ މަތީން ޕީޕީއެމް އަށް މެމްބަރުން އިތުރުކުރުމަށް މަސައްކަތްކުރައްވާފައިވާނެ ކަމަށާއި އަދި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެ ނަމަ ރިޔާސީ އިންތިހާބުގެ ކުރިން އެ އަދަަދަށް މީހުން ޕާޓީ އަށް އިތުރު ކުރައްވާނެ ކަމަށެވެ.

"މި 30ގައި ދެއްވާ ވޯޓުން އަޅުގަޑަށާއި އަޅުގަނޑުގެ ޓީމަށް ޔަގީންކަން ދެއްވައިފި ނަމަ، ކުރިއަށް ތުރެ ހަރަކާތްތެރިކަމާ އެކު އެއްވެސް ވަރުބަލިވުމެއް ނެތި އިރާދަކުރެވިއްޔާ ރިޔާސީ އިންތިހާބަށް ދާންވާއިރަށް، އޮގަސްޓް މަހުގެ ނިޔަލަށް ދާންވާއިރަށް އަޅުގަނޑުމެން ޕާޓީގެ އަދަދު 31000 އިން އިރާދަކުރެއްވިއްޔާ 60000 އަށް ނުވަތަ 65000 އަށް ޖައްސާނަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ރަޖިސްޓޫރީކޮށްފައި ވަނީ ފިންގާ ޕްރިންޓާ އެކު ކަމަށާއި އެހެންކަމުން އެ ޕާޓިއަކީ އެންމެ ސައްހަ މެމްބަރުން ގިނަ ޕާޓި ކަމަށެވެ. ޔާމީންގެ ސަރުކާރެއްގައި ކޮށްދޭނެ ކަންތައްތަކަށް އަލިއަޅުވާލައި ޔާމީން ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖެއަކީ ސުލްހަވެރި މުޖުތަމައުއަކަށް ހައްދަވައި ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށާއި ސިއްހީ ދައިރާ ހަމަޔަކަށް އަޅުއްވައި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު ރޭގައި ޔާމީންގެ ޓީމުން ބޭއްވި ހަފްލާގައި ޕީޕިއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ބޭފުޅުން ވަނީ ޔާމީނަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ. އެގޮތުން ރައީސް މައުމޫންގެ ދުންޔާ މައުމޫން އާއި ފާރިޝް މައުމޫންގެ އިތުރުން ޣައްސާން މައުމޫން އާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އެ ހަފްލާގައި ބައިވެރިވެ ސްޓޭޖްމަތީގައި ޔާމީންއާ އަތުގުޅާލާފަ އެވެ.

ފާރިޝް ވަނީ އުމަރު ނަސީރުގެ ކެމްޕެއިންގައި ވެސް ކުރިން ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް ތާއީދު ކުރައްވާ ފަރާތެއް ހާމަކުރައްވާފައެއް ނުވެ އެވެ.

ރައީސް މައުމޫންގެ ބޭފުޅުން ޔާމީންގެ ކެމްޕެއިންގައި ބައިވެރިވެ ޔާމީންއާ އެކު އަތުގުޅާލާފައިވާ އިރު އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ މައުމޫންގެ ހުރިހާ ބޭފުޅުން ތިއްބެވީ ޔާމީންއާ އެކު ކަމަށާއި ޔާމީނަށް ވޯޓް ދެއްވަންވީ އެ ސަބަބަށްޓަކައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު