ވައިގެ ތެތްކަން ފެނަށް ބަދަލުކުރާ އިޝްތިހާރު ބޯޑެއް ޕެރޫގައި

ޕެރޫގެ ވެރިރަށް ލީމާގެ ބޭރުގައި ފެންނަން ހުންނަ އެއް އިޝްތިހާރު ބޯޑު (ބިލްބޯޑް) އަކީ އާދައިގެ އިޝްތިހާރު ބޯޑެއް ނޫނެވެ.

މިބިލްބޯޑަކީ ވައިގެ ތެތްކަން (ހިއުމިޑިޓީ) ފިލްޓަރުތަކެއްގެ އެހީގައި ބޯފެނަށް ބަދަލުކޮށްދޭ ބިލްބޯޑެކެވެ. ފެން ބޭނުންވާ ކޮންމެ ފަރާތަކަށް މިބިލްބޯޑުގެ އެހީގައި ފެން ފޯރުކޮށްދެވޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ޕެރޫގެ ޔުނިވާސިޓީ އޮފް އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީ (ޔޫޓެކް) އާއި އިޝްތިހާރު ކުރުމުގައި މަސައްކަތްކުރާ އެޖެންސީއެއް ކަމަށްވާ މަޔޯ ޕެރޫ ޑުރާފްޓް އެފްސީބީ ގުޅިގެން އުފައްދާފައިވާ މިބިލްބޯޑަކީ ފެން ނުލިބޭ ސަރަހައްދުތަކުގައި ފެން އުފެއްދުމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ އީޖާދެއް ކަމަށް ސައެންސްވެރިން ބުނެ އެވެ.

މިހާތަނަށް މިބިލްބޯޑުން ވަނީ 9،000 ލީޓަރުގެ ބޯފެން އުފައްދާފަ އެވެ. އެއީ ދުވާލަކު 96 ލީޓަރު ފެނުގެ ރޭޓުން ނެވެ. މިއީ ގާތްގަނޑަކަށް ފަސް ލީޓަރުގެ 19 ފުޅީގެ ފެނެވެ.

ބިލްބޯޑުގެ ބޭނުމަކީ ލީމާގެ ޒުވާނުން ޔޫޓެކްގައި ކިޔެވުމަށް އިޝްތިހާރުކުރުން ކަމަށް މަޔޯ ޕެރޫ ޑުރާފްޓުން ބުނެ އެވެ.

މިބިލްބޯޑު ބަހައްޓާފައިވަނީ ލީމާގެ ބޭރުގައިވާ ބުޖާމާ އަވަށުގެ ކައިރީގަ އެވެ. މިސަރަހައްދަކީ އަހަރުގެ ބޮޑު ބައެއްގައި ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮންނަ ސަރަހައްދެއް ކަމުން، މިސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފެން ހޯދުމަކީ އުނދަގޫ ކަމެކެވެ.

ޔޫޓެކުން ބުނީ ބުޖާމާ އަވަށަކީ ވާރޭ ވެހުން މަދު އަވަށެއް ނަމަވެސް، ފެނުގެ ތެތްތަކަން އަބަދުވެސް އުޅެނީ 98 އިންސައްތައަށް ވުރެއް މަތީގައި ކަމުން ފެނުގެ ތެތްކަން ފެނަށް ބަދަލުކުރުމަށް އީޖާދެއް އުފެއްދުމަށް ނިންމީ ކަމަށެވެ.

މިނިޒާމު މަސައްކަތްކުރަނީ ބިލްބޯޑުގެ ތެރޭގައިވާ ފިލްޓަރުތަކުގެ އެހީގައި ވައިގެ ތެތްކަން ފެނަށް ބަދަލުކޮށްގެން ނެވެ. ބިލްބޯޑުގެ ތެރޭގައިވާ ޓޭންކުތަކެއްގައި ފެން ރައްކާކޮށްފައި ހުންނަ އިރު، މީހުންނަށް ފެން ލިބެނީ ބިލްބޯޑުގެ ތިރީގައި ހުންނަ އިސްކުރަކުން ނެވެ.

ޔޫޓެކުން ބުނީ މިނިޒާމް ގާއިމްކުރުމަށް ހަރަދުކޮށްފައި ވާނީ ގާތްގަނޑަކަށް 1،200 އެމެރިކާ ޑޮލަރު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު