ލޮލުގެ ކަޅިން ކޮންޓްރޯލްކުރެވޭ ސެމްސަންގުގެ ގެލެކްސީ "އެސް-ފޯ" ދައްކާލައިފި

ބޭނުންކުރާ މީހާގެ ލޮލުގެ ކަޅީގެ މޫވްމަންޓުތައް ބޭނުންކޮށްގެން ކޮންޓްރޯލްކުރެވޭ ސެމްސަންގުގެ ގެލެކްސީ"އެސް-ފޯ"ރޭ ދައްކާލައިފި އެވެ.

ގެލެކްސީ އެސް-ފޯ ދައްކާލާފައި މި ވަނީ، މިދިޔަ އަހަރު ލޯންޗުކުރި ގެލެކްސީ އެސް-ތުރީ އަށް ފަހު ސެމްސަންގް އިން ނެރޭ ފޯނުގެ ގޮތުގަ އެވެ. ގެލެކްސީ އެސް-ތުރީގެ ސާޅީސް މިލިއަން ފޯނު ވިކިފައިވާ ކަމަށް ސެމްސަންގް އިން ބުނެ އެވެ.

ނިއު ޔޯކުގައި ރޭ ބޭއްވި ހަފްލާއެއްގައި ގެލެކްސީ ސީރީސްގެ އެންމެ ފަހުގެ ފޯނު ދައްކާލާފައި ވަނީ ބްރޯޑްވޭ ތީމުގެ މައްޗަށް އެކުލެވޭ ޑުރާމާތަކެއްގެ ތެރެއިން ނެވެ. ޑުރާމާތަކުގައި ސެމްސަންގް އިން ވަނީ ގެލެކްސީ އެސް-ފޯގެ އެކި އެކި ފީޗާތައް ދައްކާލާފަ އެވެ.

އެންމެ ފާހަގަކޮށްލެވޭ ފީޗާއަކީ ބޭނުންކުރާ މީހާގެ ލޮލުގެ ކަޅިން ފޯނުގެ ބައެއް ކަންކަން ކޮންޓްރޯލް ކުރެވުމެވެ. މިގޮތުން ވީޑިއޯއެއް ޕޯސްކުރުމަށް ޓަކައި ސެމްސަންގް އިން ތައާރަފްކޮށްފައި ވަނީ "ސްމާޓް ޕޯސް" ކިޔާ ފީޗާއެކެވެ. މިފީޗާ އެކްޓިވޭޓް ކުރުމުން، ފޯނުގެ ސްކްރީން ނޫން އެހެން ދިމާއަކަށް ބަލައިލައިފި ނަމަ، ބަލަމުންދާ ވީޑިއޯއެއް ޕޯސްކުރެވިގެންދެ އެވެ.

މީގެ އިތުރުން "ސްމާޓް ސްކްރޯލް" ފީޗާގައި ވެސް، ލޮލުގެ ކަޅި ސްކްރީންގެ ތިރިއަށް ގެންދާ ވަރަކަށް ބަލަމުންދާ ވެބްޕޭޖެއް ނުވަތަ އީމެއިލެއް ސްކްރޯލްކުރެވެ އެވެ.

ސްކްރީނަށް ބަލާ އިރު، އެސް-ތުރީގެ ސްކްރީނަށް ވުރެ އެސް-ފޯގެ ސްކްރީން "ކުޑަކޮށް" ބޮޑުވާނެ ކަމަށް ސެމްސަންގްއިން ބުނެ އެވެ. އެސް-ފޯގައި ސެމްސަންގް އިން ބޭނުންކޮށްފައި ވަނީ އެ ކުންފުނީގެ ހައި ޑެފިނީޝަން އެމޯލެޑް (އެޗްޑީ އެމޯލެޑް) ޓެކްނޮލޮޖީ އެވެ. މިހެން ކަމުން ފޯން ރެޒުލިއުޝަންއަކީ ކޮންމެ އިންޗިއަކަށް 441 ޕިކްސެލްސް އެވެ.

ފޯނުގެ ދެން އެންމެ ފާހަގަކޮށްލެވޭ ފީޗާއަކީ އެއް ފަހަރާ ދެފޮޓޯ ނެގޭ ފީޗާއެކެވެ. މިފީޗާ ބޭނުންކޮށްގެން ފޯނުގެ ފަހަތުގައިވާ ކެމެރާ އިން ފޮޓޯ ނަގާ މީހާގެ ފޮޓޯއެއް ފޯނުގެ ކުރިމަތީގައި ހުންނަ ކެމެރާ އިން ނަގަ އެވެ. މިފީޗާ ހަމަ މިގޮތަށް ވީޑިއޯ ކޯލްތަކުގައި ވެސް ބޭނުންކުރެވޭނެ ކަމަށް ސެމްސަންގް އިން ބުނެ އެވެ.

ފޯނުގެ ފަހަތުގައިވާ ކެމެރާއަކީ 13 މެގަޕިކްސެލްގެ ކެމެރާ އެކެވެ. ކުރިމަތީގައިވާ ކެމެރާއަކީ 2 މެގަޕިކްސެލްގެ ކެމެރާ އެކެވެ.

ފޯނުގެ ބަރުދަނުގައި 130 ގުރާމް ހުންނަ އިރު، ފުޅާ މިނުގައި ހުންނަނީ 7.9 މިލިމީޓަރެވެ. މިއީ އެސް-ތުރީއާ އަޅާ ބަލާއިރު، ލުއި އަދި ހިމަ ފޯނެކެވެ.

ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯނު ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެކުންފުނިން ބުނީ ދުނިޔޭގެ ހުރިހާ ބާޒާރަކުން ވެސް އޭޕްރީލް މަހުގެ ނިޔަލަށް ފޯނު ގަންނަން ލިބެން ހުންނާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު