ޕެރިސް (މާޗް 9): ސޫރިޔާގައި އަހްލީ ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި އެގައުމުގެ ރައްޔިތުން އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިފައިވާ ކަމުގެ އިންޒާރު"ޑޮކްޓާސް ވިތައުޓް ބޯޑާސް" އިން ދީފި އެވެ.
އިންސާނީ އެހީއާއި ޚިދްމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ އެ ޖަމްޢިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޫރިޔާގައި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި އެގައުމުގެ ރައްޔިތުންވަރަށް ބޮޑަށް ޙާލުގައިޖެހި ސިއްޙީ އަސާސީ ޚިދްމަތްތަކާއި ބޭހުން ވެސް މަޙްރޫމް ވެފައިވާ ކަމުގަ އެވެ. ތޭވީސް މަސްވީ ސޫރިޔާގެ އަހްލީ ހަނގުރާމައިގާ އެ ގައުމުގެ ރަށްފުށުގެ ގިނަ ސަރަޙައްދުތައް ވަނީ މުޅިން ފުނޑުފުނޑުވެ ސުންނާފަތިވެ ވީރާނާވެފަ އެވެ.
މީގެއިތުރުން ސޫރިޔާގެ އެހެން ގިނަ ސަރަޙައްދުތަކުގައި ވެސް ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައް ހަލާކުވެ އެތަންތަނުގެ ޚިދްމަތްތައް ހުއްޓިފައިވާ ކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުންވެ ސް ބުނެފައިވެ އެވެ. ސޫރިޔާގައި ހިލޭ ސާބަހަށް ސިއްޙީ ޚިދުމަތާއި އެހީ ދިނުމުގައި ޙަރަކާތްތެރިވާ "ޑޮކްޓާސް ވިތައުޓް ބޯޑާސް" އިން ބުނީ ހަނގުރާމަ ހިނގާ ސޫރިޔާގެ ގިނަ ގިނަ ސަރަހައްދުތަކުގެ ރައްޔިތުންނަށް މިހާރު ނުލިބޭ ކަމަށާ އެސަރަޙައްދުތަކުގައި ހައިހޫނުކަން ފެތުރެމުންދާ ކަމުގަ އެވެ. މިކަން މިހާރު އިންސާނީ ކާރިސާ އަކަށް ބަދަލުވަމުންދާ ކަމަށާ އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ ސޫރިޔާގެ އެތައް ހާސްބަޔަކު ފަރުވާނުލިބިގެންނާއި ހައިހޫނު ކަމުގައި މަރުވެގެން ހިނގައިދާނެ ކަމަށް ވެސް އެޖަމާއަތުން ބުނެފައިވެ އެވެ.
ސޫރިޔާގައި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގެ ޙާލަތު މިހާދަށުދަރަޖައަށް ގޮސްފައި ވަނީ ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އެހީގެ ތަކެތި ސޫރިޔާއަށް އެތެރެ ކުރުމަށް ހުއްދަދިނުމުގައި އެގައުމުގެ ސަރުކާރުން ނާއި އަވަށްޓެރި ގައުމުތަކުން ހަރުކަށި ޝަރުތުތަކެއް ކުރިމަތިކުރުމުގެ ސަބަބުން ކަމަށް ވެ އެވެ. ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ މިހާތަނަށް 70 ހާހަށް ވުރެ ގިނަމީހުން މަރުވެފައިވާއިރު އެކިބާވަތުގެ އަނިޔާތަކާއި ޒަޚަމްތައް ލިބިފައިވާ މީހުންގެ ޢަދަދު އެތައް ލައްކައަކަށް އަރަ އެވެ.
މީގެއިތުރުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ހިޖްރަކޮށްފައިވާ ސޫރިޔާ ރައްޔިތުންގެ ޢަދަދު ވެސް މިލިޔަނަކަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް އދ. ން ދާދިފަހުން ވަނީ ހާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)