ބޯ ބުރިކޮށްލި ކުއްޖާގެ ބަދަލުގެ ގޮތުގައި ތިން މިލިއަން ރުފިޔާ ނަގައިދިނުމަށް ހުށަހަޅައިފި

ދެހާސް އެގާރަވަނަ އަހަރު އައިޖީއެމްއެޗްގައި ތުއްތު ކުއްޖަކު ވިއްސުމުގެ ތެރޭގައި ބޯ ބުރިކޮށްލައިގެން ކުއްޖަކު ނެގި މައްސަލައާ ގުޅިގެން އެ ކުއްޖާ ވިއްސުމުގައި އުޅުނު ޑޮކްޓަރުންނާއި މާލޭ ހެލްތް ސާވިސަސް ކޯޕަރޭޝަންގެ ފަރާތުން ޖުމްލަ 3.2 މިލިއަން ރުފިޔާ ނަގައިދިނުމަށް އެ ކުއްޖާގެ މަންމަ ދައުވާ ކޮށްފި އެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން މަރުވި ތުއްތު ކުއްޖާގެ މަންމަ ދ. ބަނޑިދޫ އިރަމާގޭ ޝަރީފާ ހާނީގެ ގާނޫނީ ވަކީލު މުހައްމަދު ހިލްމީ ވިދާޅުވީ ބޯ ބުރިކޮށްގެން އެކުއްޖާ ނެގުމުން ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދެމަފިރިންނަށާއި އާއިލާއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ތުއްތު ކުއްޖާ ވިއްސުމުގައި ޑޮކްޓަރުން އިހުމާލުވެފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައިވާއިރު އެކަންހިނގުމުން ނަފްސާނީގޮތުން ލިބުނު ގެއްލުމަށް ފަރުވާ ހޯދަން ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކަށް ދައްކަން ނުކެރިގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ. އަދި ބަދަލު ނަގައިދޭ އިރު އެކަމުގައި ހިމެނޭ އެންމެންގެ މައްޗަށް 3.2 މިލިއަން ރުފިޔާ ބަހާލައިގެން ބަދަލު ލިބޭނެގޮތް ކޯޓުން ކަނޑައަޅައި ދިނުމަށް ވެސް ހިލްމީ ވަނީ އެދިވަޑައިގެންފަ އެވެ.

މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ އިތުރުން އެ ދައުވާ ކޮށްފައި ވަނީ ޑރ. ޗެރިއަންއާއި ޑރ. ތަސްނީމް ފާރޫގާއި ޑރ. އަނޫޕަމާގެ އިތުރުން އައިޖީއެމްއެޗްގެ މުވައްޒަފެއްކަމަށްވާ ރިޒާނާ އަބްދުﷲ ގެ މައްޗަށެވެ.

ޑރ. ޗެރިއަން ފިޔަވައި އެހެން އެންމެންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެކަމަކީ އެމީހުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށެވެ. އެހެންކަމުން އެ ދައުވާ އަކީ ކުރެވިދާނެ ދައުވާއެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ސުއޫދު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވާފަ އެވެ.

އިޖުރާއީ ނުކުތާގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ އެމީހާ އެތާނގައި އެޑްމިޓްކޮށްފައި އޮތް އިރު ބަލާފައި ވަނީ ހަމައެކަނި އެ ޑޮކްޓަރުން އެކަނި ނޫންކަމަށާއި ހޮސްޕިޓަލްގައި ހަމަޖެހިފައި އޮންނަ އުސޫލަކީ އެވަގުތު ޑިއުޓީގައި ހުންނަ މީހަކު ބަލިމީހާ ބަލާގޮތަށް ކަމަށެވެ.

މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ ދައުވާ ކޮށްފައި ވަނީ ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގު ރިޕޯޓަށް ބަލައިގެން ކަމާއި އޭގެ ކުރިން ވެސް އެކަމުގައި ޑޮކްޓަރުން އިހުމާލުވެފައި ނުވާކަމަށް މެޑިކަލް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ދައުވާ ޑޮކްޓަރުންގެ މައްޗަށް ކުރެވިދާނެ ކަމަށް ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުވާ ލިބޭ ފަރާތްތަކުގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުވާ ކުރާ ފަރާތުގެ ވަކީލު ހިލްމީ ވިދާޅުވީ އެ ދައުވާ އަކީ ނުކުރެވޭނެ ދައުވާ އެއްކަމަށް ނުދެކޭކަމަށާއި އެ ދައުވާ ކޮށްފައި ވަނީ އަންހެން މީހާއަށް ފަރުވާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރުންގެ މައްޗަށް ކަމަށެވެ. އަދި ވިދާޅުވީ އެ ދައުވާ ކޮށްފައި ވަނީ ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންތައްތަކަށް ބެލުމަށް ފަހު ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އިޖުރާއީ ނުކުތާތަކަށް ލިޔުމުން ޖަވާބުދާރީވުމަށް ދައުވާ ލިބޭ ފަރާތަށް ފުރުސަތި ދިނުމަށް ފަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު