އިންޑިޔާގެ ސްކޫލް ދަރިވަރަކު ރޭޕްކޮށްލި މައްސަލައަކާ ގުޅިގެން ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފި

ނިއުދިއްލީ (މާޗް 2): އިންޑިޔާގެ ސްކޫލެއްގައި ކިޔަވާ 7 އަހަރުގެ އަންހެން ދަރިވަރަކު ރޭޕްކޮށްލި ކަމަށް ބެލެވޭ މައްސަލައަކާ ގުޅިގެން އެކަމާދެކޮޅަށް ނިއުދިއްލީގައި އިއްޔެ ހަވީރު އިޙްތިޖާޖް ކުރި އެތައް ހާސްބަޔަކާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

މިކުރިމަތިލުންތައް ހިނގާފައި ވަނީ ރޭޕްކޮށްލެވުނު ކަމަށް ބުނާ ކުއްޖާ އަށް ފަރުވާދިނުމަށް ގެންދިޔަ ދިއްލީގެ އުތުރުގެ މޮންގަލް ޕޫރީގައި ހުންނަ ސަންޖޭ ގާންދީ ހޮސްޕިޓަލުގެ ކުރިމަތީގަ އެވެ. އިޙްތިޖާޖްކުރި މީހުންވަނީ އިންޑިޔާގައި އަދި ޚާއްސަކޮށް ދިއްލީގައި ތަކުރާރުކޮށް ހިނގަމުންދާ އަންހެންކުދިން ރޭޕްކުރުމުގެ ޖަރީމާތައް ހުއްޓުވުމުގައި ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ ފަރާތްތައް ނާކާމިޔާބުވެފައިވާ ކަމަށްބުނެ އަޑުއުފުލައި ފުލުހުންނަށް އޮއްގަލުން ޙަމަލާދީ އެސަރަޙައްދުން އެވަގުތު ދަތުރުކުރި ފަސިންޖަރު ބަސްތަކަށާއި އެނޫން ވެހިކަލްތަކަށް ވެސް އަތުޖެހުނު އެއްޗަކުން ޙަމަލާދީ ހަމަނުޖެހުންތައް ހިންގާފަ އެވެ.

މުޒާހަރާ ހޫނުވެ ސުލްހަވެރި ނޫން މުޒާހަރާއަކަށް ބަދަލުވެގެން ދިޔުމުން ދިއްލީގެ ފުލުހުންވަނީ ލަޓިބުރި އާއި ކަރުނަ ގޭސް ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފަ އެވެ. ހަތް އަހަރުގެ މިއަންހެންކުއްޖާ އަށް ފަރުވާދިނުމުގައި ޙަރަކާތްތެރިވާ ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ޑރ. ސަންޖޭ ކުމާރު، އެސޯސިއޭޓެޑް ޕްރެސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އަންހެންކުއްޖާގެ ޖިންސީ ގުނަވަންތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ބެލެވޭ ކަމުގަ އެވެ. މި މައްސަލައާގުޅިގެން ފުލުހުން މިހާރު ގެންދަނީ ރޭޕްކޮށްލެވުނު ކުއްޖާ ކިޔަވާ ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންނާއި އެތަނުގެ ސެކިއުރިޓީ ބަލަހަޓާ މީހުންނާ ސުވާލުކޮށް މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ނިއުދިއްލީގެ ފަސިންޖަރު ބަހެއްގައި ގޭންގް ގްރޫޕަކުން ވަރަށް އަނިޔާވެރި ގޮތަކަށް އަންހެން ކުއްޖަކު ރޭޕްކޮށްލި މައްސަލާގައި މުޅި އިންޑިޔާއަށް ވަނީ ސިހުން ލިބިފަ އެވެ. އެއަންހެން ކުއްޖާވަނީ ޑިސެމްބަރު 29ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި މަރުވެފަ އެވެ. އެއަށްފަހު ވެސް ދިއްލީ އާއި އިންޑިޔާގެ އެކި ސްޓޭޓްތަކުގައި އަންހެން ކުދިން ރޭޕްކުރުމުގެ އެތަށް މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. މީގެތެރޭގައި މަހާރާޝްޓްރާގެ އެއްޢާއިލާއަކަށް ބިސްބަތްވާ އުމުރުން 6 އަހަރާއި 11 އަހަރުގެ އެއްބަނޑު އެއްބަފާ ތިން އަންހެންކުދިން ރޭޕްކޮށްލުމަށް ފަހު އެކުދިންމަރާލައި ވަޅުގަނޑަކަށް އެއްލާލާފައިވަނިކޮށް މީގެ ދިހަވަރަކަށް ދުވަސްކުރިން ވަނީ ފެނިފަ އެވެ. މިޖަރީމާއާ ގުޅިގެން މިތިން ކުދިންގެ ބައްޕައާއި މަންމަ ވަނީ ޝޮކްޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

މިޙާދިސާތަކުގެ ސަބަބުންނާއި ރޭޕްކުރުމުގެ ޖަރީމާތައް ހިންގާ މިންވަރުގެ ގިނަކަމުން އެންމެ ގިނައިން ރޭޕްކުރުމުގެ ޖަރީމާ ހިންގާ ގައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މީޑިޔާގައި އިންޑިޔާގެ ނަން މިހާރު ވަނީ މަޝްހޫރުވެފަ އެވެ. ބީބީސީ ން ދާދިފަހުން ތައްޔާރުކުރި ދިރާސާ ރިޕޯޓެއްގައި އިންޑިޔާގެ އަންހެނުން ރޭޕްކުރާ ގޭންގްތަކުގެ މުޖްރިމުންނާއި އިންޑިޔާގެ ސިޔާސީ ފަރާތްތަކާ ވަރަށް ބޮޑަށް ގުޅުންއޮންނަ ކަމަށް ބުނެފައިވެ އެވެ. އަދި ޚާއްސަކޮށް އިންޑިޔާގެ ޕާލަމެންޓް މެންބަރުންގެ ތެރޭގައި ރޭޕްކުރުމުގެ ޖަރީމާތައް ކުރިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ވެސް ހިމެނޭކަމަށް އިންޑިޔާގެ އަންހެނުންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާ ޙަވާލާދީ ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު