19 މީހުން މަރުވި ކަލްކަތާގެ އަލިފާނުގެ ޙާދިސާ ހިނގީ ކަރަންޓް ޝޯޓެއްގެ ސަބަބުން: އިންޑިޔާ

ނިއުދިއްލީ (ފެބްރުއަރީ 28): އިންޑިޔާގެ ވެސްޓް ބެންގޯލްގެ ކަލްކަތާގައި އިއްޔެ ހިނގި އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް އިންޑިޔާ ސަރުކާރުން ބުނެފި އެވެ.

އިންޑިޔާގެ ފަޔާ އެންޑް އިމަޖެންސީ ސާވިސަސް އާބެހޭ ވަޒީރު ޖާވީދު ޚާން ވިދާޅުވި ގޮތުގައި ހަ ބުރީގެ ޢިމާރާތުގައި އަލިފާންރޯވާން މެދުވެރިވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމުގަ އެވެ. މިޢިމާރާތުގައި އަލިފާން ރޯވުމުގެ ސަބަބުން 19 މީހަކު މަރުވެ 50 މީހުން ފިހިފައިވެ އެވެ. މި ޢިމާރާތުގައި ގިނައީ ފޮތާއި ކަރުދާހުގެ ބާވަތްތައް ވިއްކާ ފިހާރަތަކެވެ. މަރުވެ އަދި ފިހިފައި ވަނީ ވެސް މިފިހާރަކުގައި މަސައްކަތްކުރާ މީހުންނެވެ.

ވެސްޓް ބެންގޯލްގެ ލޯކަލް ސަރުކާރުގެ ޗީފް މިނިސްޓަރު މާމާތީ ބަނިރްޖީ ވަނީ މިޙާދިސާގައި މަރުވި މީހުންގެ ޢައިލާތަކަށާއި އަދި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުދެއްވާނެކަން ހާމަކުރައްވާފަ އެވެ. މިޙާދިސާގައި ގިނަ ބަޔަކު މަރުވެ އަދި ޒަޚަމްވީ އެ ޢިމާރާތް ބިނާކޮށްފައިވާ ގޮތުންކަމަށް ފުލުހުން ބުނެ އެވެ. ހަ ބުރީގެ ޢިމާރާތަށް ވަދެ ނުކުތުމަށް ހުރީ އެންމެ ދޮރެއް ކަމަށާ ދުމުގެ ސަބަބުން އެދޮރުން ނުކުތުމަށް ވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ކަލްކަތާގައި 2011 ވަނަ އަހަރު ވެސް އަލިފާނުގެ ނުރައްކާތެރި ޙާދިސާއެއް ހިނގާފަ އެވެ. އެ ޙާދިސާގައި 93 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ފިހިފައިވެ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު