ތ. ދިޔަމިލީ އިންޖީނުގޭގައި ބޭނުން ކުރަމުން ދިޔަ ދެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެ ހެނދުނުން ފެށިގެން އެ ރަށުން ކަރަންޓްގެ ހިދުމަތް ނުލިބޭ ކަމަށް އެ ރަށު ކައުންސިލް އިދާރާ އިން ބުނެފި އެވެ.
ދިޔަމިގިލީ ކައުންސިލް މެމްބަރު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އެ ރަށުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެ ހެނދުނު 10 ޖަހާ އެހާކަންހާއިރުން ފެށިގެން މުޅި ރަށުން ކަރަންޓް ކެނޑި އެއްގޮތަކަށް ވެސް ކަރަންޓްގެ ހިދުމަތް ނުލިބޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން 825 މީހުން ދިރިއުޅޭ ދިޔަމިގިލީގެ ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއްޔެ ހެނދުނު ކަރަންޓް ކެނޑުނުގޮތަށް އަދިވެސް ކަރަންޓް ނުލިބޭ. ދެން ރަށުގެ ރައްޔިތުން އަނެއްހެން އެއްވެސް ތާކަށް އެއްވެ އެގޮތަށް ނުރުހުން ފާޅުކުރަމަކުން ނުދޭ. ނަމަވެސް ވަރަށް ބޮޑަށް ޝަކުވާކުރަމުންދަނީ، ދެން ރަށުގެ ސުކޫލް ވެސް އެބަހިންގާ ކަރަންޓާއި ނުލާ އަޅުގަނޑުމެން މިތިބީ އޮފީސް ވެސް ހުޅުވައިގެން ނަމަވެސް ކަރަންޓް ނެތުމުން މަސައްކަތެއް ނުކުރެވޭ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ސައުތު ސެންޓްރަލް ޔުޓިލިޓީޒްގެ ދަށުން ހިންގާ ދިޔަމިގިލީ އިންޖީނުގޭގެ އިންޗާޖު ބުންޔާމީން ޒާހިރު މިއަދު ވިދާޅުވީ މުޅި ރަށުން ކަރަންޓް ކަނޑައިގެން ދިޔައީ އެ ރަށުގައި މިހާރު ބޭނުން ކުރަމުން ގެންދާ 140 ވޯޓްގެ އިންޖީނާއި 80 ކިލޯ ވޯޓްގެ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެއީ ކޮން މައްސަލައެއް ކަން ޔަގީން ނުކުރެވޭ އިރު އިންޖީނުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ލަފާކުރެވޭ ގޮތުގައި އެރަށަށް އަނބުރާ ކަރަންޓް ދެވޭނީ މިރޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިޔަމިގިއްޔަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ އިންޖީނަށް މައްސަލަ ދިމާވެ އެ ރަށުން ކަރަންޓް ކެނޑިފައިވާ އިރު އެ ރަށުން ކަރަންޓް ކެނޑުމުގެ މައްސަލައަކީ 2011 ވަނަ އަހަރުގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެކެވެ. އަދި ދާދިފަހުން ވަނީ އެ ރަށުގެ އިންޖީނުގޭ އިމާރާތުގެ މަސައްކަތް މިއަންނަ އޭޕްރީލް މަހުގެ ތެރޭގައި ނިންމުމަށް އެ ރަށުގެ އަމިއްލެ ފަރާތަކާއި ފެނަކައިން އެ މަސައްކަތް ހަވާލުކޮށްފަ އެވެ.