އިންޓަ ސްކޫލް ކެރަމް މުބާރާތް ފަށައިފި

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކެރަމް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ 15 ވަނަ އިންޓަ ސްކޫލް ކެރަމް މުބާރާތުގެ ކުޅުން މިއަދު ހެނދުނު ގަލޮޅު ބޯޅަދަނޑުގައި ހުންނަ މާލޭ ކެރަމް ހޯލުގައި ފަށައިފި އެވެ.

ޖުމުލަ 17 ސްކޫލަކުން 377 ދަރިވަރުން ބައިވެރިވި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަތަރު އުމުރުފުރާ އަކަށް ބަހާލައިގެން ނެވެ. އެގޮތުން 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެ އެވެ. އަދި ހުރިހައި އުމުރުފުރައެއްގެ ސިންގަލް، ޑަބަލްސް އަދި ޓީމު އިވެންޓުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މިފަހަރުގެ އިންޓަ ސްކޫލް ކެރަމް މުބާރާތުގައި ޖަމާލުއްދީން ސްކޫލްގައި ކިޔަވާ އަޑުއިވުމުން މަހްރޫމްވެފައިވާ ކުދިންގެ ކުލާހަށް ހާއްސަކޮށްގެން ބާއްވާ ސިންގަލްސް އަދި ޑަބަލްސް އިވެންޓަކާއި އިމާދުއްދީން ސްކޫލްގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ އިވެންޓެއް ވެސް ހިމެނެ އެވެ.

މި މަހުގެ 21 ން 28 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ، އަރަބިއްޔާ ސްކޫލާއި އަމީނިއްޔާ، ސީއެޗްއެސްއީ، ދަރުމަވަންތަ، ގަލޮޅު މަދަރުސާ، ޣިޔާސުންދީން، ހިރިޔާ، އިމާދުއްދީން، އިސްކަންދަރު، ޖަމާލުއްދީން، ކަލާފާނު، މާފަންނު މަދަރުސާ، އަމީރު އަހްމަދު، މަޖީދިއްޔާ، މެޕްސް، ތާއްޖުއްދީން އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު