ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް

ދުވަހުގެ މުނާސަބަތުގައި
ޔުނެސްކޯ އިން ޝާއިއު ކުރި ލިޔުންތަކެއްގެ ތަރުޖަމާ:

ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 21 ވަނަ ދުުވަސް ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ފާހަގަ ކުރާން ޔުނެސްކޯއިން ނިންމީ 1999 ވަނަ އަހަރުއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ދުނިޔޭގައި އިންސާނުން ވާހަކަ ދައްކާ ބަސްބަހުގައި ހުރި ހާއްސަ ސިފަތައް ފާހަގަކޮށް ބަސްތައް ރައްކާތެރި ކުރުމާއި، މާދަރީ ބަހުން ތައުލީމު ދިނުމާ މެދު މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ.

ބަހަވީ އަދި ސަގާފީ ތަފާތުތަކަކީ މުޖުތަމައުގެ އެއްބައިވަންތަކަމާއި އެކުލެވުން ހަރުދަނާ ކޮށްދިނުމަށް ބޭނުން ވާ ބައިނަލްއަގްވާމީ އަގުތައް ތަމްސީލު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެހެންކަމުން މިއަހަރުގެ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގައި ޔުނެސްކޯގެ ޑިރެކްޓަރު ޖެނެރަލް އެންމެ ބޮޑަށް ސަމާލުކަން ދެއްވާނީ މި މުހިންމު މެސެޖު ފޯރުކޮށް ދެއްވުމަށާއި، ހާއްސަކޮށް މި އަހަރުގެ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިއާރު ކަމަށް ވާ "މާދަރީ ބަހުން ކިޔަވައިދޭން ބޭނުން ވާ ފޮތްތައް އުފެއްދުން"، މި ޝިއާރުގެ އަމާޒު ކަމަށް ވާ ފޮތްތަކާއި ޑިޖިޓަލް މީޑިޔާގެ ވަސީލަތްތަކުން ފޯރުކޮށްދޭ މައުލޫމާތު ދޭސީ ބަސްތަކުން ލިބޭން ހުރުމުގެ މައްޗަށެވެ.

ޔުނެސްކޯގެ މެންބަރު ގައުމުތަކުގައި ދަނީ މާދަރީ ބަސް ކުރިއެރުވުމުގެ ގޮތުން ތަފާތު އެތައް މަސައްކަތެއް ކުރަމުންނެވެ. ގައުމީ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެންނެވެ. މީޑިޔާ އާއި ސްކޫލުތަކާއި ސަގާފީ ޖަމިއްޔާތަކުން މާދަރީ ބަސް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ.

"މާދަރީ ބަހުން ކިޔަވައިދޭން ބޭނުން ވާ ފޮތްތައް އުފެއްދުން"، މި ޝިއާރުގެ މަގުސަދަކީ މާދަރީ ބަހުން ކިޔަވައިދިނުމުގެ މުހިންމު ކަމާއި، މާދަރީ ބަހުން ކިޔަވައިދިނުމަށް ޓަކައި މާދަރީ ބަހުން ފޮތްތައް އުފެއްދުމުގެ މުހިންމުކަން ތައުލީމީ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމެވެ.

މާދަރީ ބަހުގެ ލިޔުންތަކުގެ މުހިންމުކަން

މާދަރީ ބަހުން ތައުލީމު ދިނުން އޭގެ ފުޅާ މާނައިގައި އިޝާރާތް ކުރަނީ ގޭގެ މާހައުލާއި ސްކޫލުތަކުގައި މާދަރީ ބަސް ބޭނުން ކުރުމަށެވެ. ބަސް ދަސްކުރުމާއި މާދަރީ ބަހުން ކިޔަވައިދިނުމަށް މަގު ފަހި ކުރުމުގެ ގޮތުން މާދަރީ ބަހުގެ ލިޔެކިޔުންތައް އިތުރުކުރުން ވަރަށް މުހިންމެވެ. މި ގޮތުން ތަފާތު އެކި ބާވަތްބާވަތުގެ ފޮތްތަކާއި ޓެކްސްޓް ފޮތްތައް ވެސް މާދަރީ ބަހުން ހުންނާން އެބަ ޖެހެއެވެ. އެހެން ނަމަވެސް މިކަމުގެ އިން ހަމަ އެކަނި ފޮތުގެ މައްޗަށް ކަނޑައެޅިގެން ނުވާނެއެވެ. ބޭނުން ވަނީ ވީހާ ވެސް ގިނަ ވައްތަރުތަކުގެ ލިޔުންތައް މާދަރީ ބަހުން ހުރުމެވެ. މިއީ އަނގަބަހުން ކުރެވޭ މުވާސަލާތަށް އެހީތެރިވުމުގެ ގޮތުން ކުރެވޭ ކަމެކެވެ. މާދަރީ ބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔުމަކީ ދަރިވަރުންގެ ބަސްކޮށާރު މުއްސަނދިވެ އޭގެ ސަބަބުން ދަރިވަރުންގެ ވިސްނުން ރަނގަޅުވާ ކަމެކެވެ. މިއީ ފިލާވަޅުތައް ދަސްކޮށް، އިލްމީ މައުލޫމާތުތައް ފަހުމުކޮށްގަތުމުގެ ގާބިލުކަން ދަރިވަރުންނަށް ލިބި ދަރިވަރުންގެ ތައުލީމީ ބިންގާ ވަރުގަދަ ކޮށްދޭނެ ކަމެކެވެ.

ވަރަށް ގިނަ ބަސްބަހަށް ބަލާއިރު އެ ބަސްބަހުގެ ލިޔެކިޔުންތައް މަދު ކަމާއި ބައެއް ބަސްބަހުގައި އެއްވެސް ވަރަކަށް ލިޔެކިޔުން ނެތް ކަން ވަނީ ފާހަގަ ކުރެވިފައެވެ. މިފަދަ ބަސްބަސް ލިޔެކިޔުމަށް ޓަކައި ނިޒާމްތައް ތައާރަފު ކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރާ ބަހަވީންނާއި ތައުލީމީ ދާއިރާގެ ފަރާތްތަކުންނާއި މުދައްރިސުން ގުޅިގެން ލެޓިން އެމެރިކާ އާއި އޭޝިޔާގެ ގަބީލާތަކުގެ ބަސްތައް ލިޔެވޭނެ ގޮތްތައް ދަނީ ހޯދަމުންނެވެ. ފޮތްތައް އުފައްދާން ކޮންޕީޓަރު ބޭނުން ކުރުމާއި އަގު ހެޔޮކޮށް ކުރެވޭ ރަގަމީ ޗާޕަކީ ފުޅާ ދާއިރާއެއްގައި އަގުހެޔޮ ލިޔެކިޔުންތައް ލިބިދިނުމުގެ މަގުތަކެވެ.

މާދަރީ ބަހުން ކިޔަވައިދިނުން

އުނެސްކޯއިން ދަނީ ތައުލީމަށް ޓަކައި ވަރުގަދަ ބިންގަލެއް އެޅުމުގައި މާދަރީ ބަހުގެ މުހިންމުކަމާ ހުރެ
އިބްތިދާއީ މަރުހަލާގައި ދެ ބަހުން ނުވަތަ އެއަށް ވުރެ ގިނަ ބަހުން ކިޔަވައިދޭ ނިޒާމެއްގައި މާދަރީ ބަހުން އިރުޝާދު ދިނުމަށް ބާރު އަޅައި ގޮވައިލަމުންނެވެ. ގޭގައާއި ޕްރީސްކޫލުގައި ހަގު އުމުރުގެ ކުދީންނާ މާދަރީ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދީންގެ ތައުލީމު އޮމާކަމާ އެކު ކުރިޔަށް ގެންދިއުމުގައި އެހީތެރި ވާ ކަމެކެވެ. ފަހުގެ މަރުހަލާތަކުގައި އެހެން ބަހަކުން ކިޔަވާން ވިޔަސް ތައުލީމު ހާސިލު ކުރުމުގެ ގާބިލުކަން ދަރިވަރުންގެ ކިބައިގައި އެންމެ ރަނގަޅަށް އަށަގަންނަނީ އިބްތިދާއީ މަރުހަލާގައި މާދަރީ ބަހުން ތައުލީމު ދިނުމުންނެވެ.

ދެ ބަހުން ތައުލީމު ދިނުމާއި ދެ ބަހަށްވުރެ ގިނަ ބަހުން ތައުލީމު ދިނުން ޔުނެސްކޯއިން މާނަ ކުރަނީ "ދޭއް ނުވަތަ އެއަށް ވުރެ ގިނަ ބަސް ކިޔަވައިދިނުމުގައި އިރުޝާދު ދޭ ބަސްތަކުގެ ގޮތުގައި ބޭނުން" ކުރުމަށެވެ. އެހެން ނަމަވެސް 1999 އިން ފެށިގެން ޔުނެސްކޯއިން މި ތައާރަފު ކުރަމުންދަނީ ތައުލީމީ ދާއިރާގައި މަދުވެގެން ތިން ބަހެއް ބޭނުން ކުރުމުގެ ނިސްބަތުގައި ބޭނުންކުރާ މަފްހޫމެއްގެ ގޮތުގައެވެ. އެއީ މާދަރީ ބަހާއި ސަރަހައްދުގެ ނުވަތަ ގައުމުގެ ބަހާއި ބައިނަލްއަގްވާމީ ބަހެކެވެ. މިއީ ބަވަނަވަމުންދާ ދުނިޔޭގައި ކޮންމެހެން ބޭނުން ކަމެކެވެ.

މާދަރީ ބަހުން ކިޔަވައިދިނުމުގެ ފައިދާ ވަނީ ޔުނެސްކޯއިން ދުނިޔޭގެ އެތަން މިތަނުގައި ކުރަމުންދާ ދިރާސާތަކުން ސާބިތުވެފައެވެ. މާދަރީ ބަސް ނޫން ބަހަކުން ކިޔަވާ ކުދީންނަށް އެ ކުދީން ހޯދާ ތައުލީމު ދިރިއުޅުމުގެ ހަގީގަތްތަކަށް ފެއްތުމުގައި ކާމިޔާބުވެފައި ވަނީ ވަރަށް މަދު ފަހަރަކުއެވެ. އެހެން ނަމަވެސް މާދަރީ ބަހުން ތައުލީމު ހާސިލު ކުރާ ކުދީން އެކުދީންނަށް ލިބޭ އިލްމީ މައުލޫމާތު ދިރިއުޅުމުގެ ހަގީގަތްތަކަށް ފައްތައެވެ. ތަރައްގީވެފައިވާ ގައުމުތަކުން މި ހަގީގަތް ވަރަށް ސާފުކޮށް ފެނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް